ވަޒީފާއާ ބެހޭ ބިލަށް ހިޔާލުހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލުހޯދަން ހުޅުވާލައިފި އެވެ.

އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއެވެ. ބިލު މަޖިލީހަށް ބަލައިގަނެ، މިހާރު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ އަދި އިޖްތިމާއީ ކޮމިޓީން އެކުގައި އަންނަނީ ދިރާސާކުރަމުންނެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އޮގަސްޓު ތިނެއްވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން އާންމުންގެ ހިޔާލު ހޯދުމަށް ކަނޑައެޅިފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައި ވާއިރު، އެ ބިލާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލުގައި ވަނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކަށް ތިން މަސް ދުވަހުން ހަ މަސް ދުވަހަށް ބަދަލު ކުރަން ވަނީ ހުށަހަޅާފަ އެވެ. އަދި އެންމެ ދުވަހަކު ސަލާމް ބުނި ނަމަވެސް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން ވަޒީފާގެ ބަޔާނަށް ބޮޑެތި އުނިއިތުރުތަކެއް ގެނެސް ވަޒީފާގެ ބަޔާން ހިމެނޭ ލިޔުމުގައި ހިމަނަން ޖެހޭ ކަންތައްތައް ބަދަލުކުރަން ވަނީ ހިމަނައިފަ އެވެ. އެގޮތުން މިހާރު ވަޒީފާގައި ބަޔާނުގައި ހުންނަން ޖެހޭނެ މައުލޫމާތު ކަމަށް ގާނޫނުގައި ލާޒިމްކުރާ، ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހާއި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބުކުރެވޭ ގޮތާއި އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތުތަކާއި ޗުއްޓީ ލިބޭ ގޮތާއި މުވައްޒަފުގެ އަހުލާގާ ގުޅޭ ގޮތުން އޭނާއާ މެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ.

މިފަދަ ކަންތައްތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، ބިލު ތަޅުމުން ފާސްކުރާނީ ރައްޔިތުން އުންމީދުކުރާ ފަދަ ހެޔޮ ބަދަލުތަކާ އެކުގައި ކަމަށް މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް