ނެލްސަން މަންޑޭލާގެ އަންހެން ދަރިފުޅަކު އަވަހާރަވެއްޖެ

ނެލްސަން މަންޑޭލާގެ އެންމެ ހަގު ދަރިފުޅު ޒިންޒީ މަންޑޭލާ ވަނީ މިއަދު އަވަހާރަވެފަ -- ފޮޓޯ: ގެޓީ

ކޭޕް ޓައުން (ޖުލައި 13): ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ އެންމެ ހަގު ދަރިކަލުން ކަމަށްވާ ޒިންޒީ މަންޑޭލާ އަވަހާރަވެއްޖެ އެވެ.

މަންޑޭލާ އާއިލާގެ މެމްބަރަކާ ހަވާލާދީ ސައުތު އެފްރިކަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެސްއޭބީސީ)އިން ރިޕޯޓު ކުރި ގޮތުގައި މިއަދު ހެނދުނު އޭނާ އަވަހާރަވީ އެގައުމުގެ ޖޮހަނަސްބާގްގެ ހޮސްޕިޓަލެއްގަ އެވެ. އުމުރުން 59 އަހަރުގައި ޒިންޒީ މަންޑޭލާ އަވަހާރަވި ސަބަބެއް އެސްއޭބީސީން ހާމަ ނުކުރެ އެވެ.

ޒިންޒީ މަންޑޭލާ އަވަހާރަވި އިރު އޭނާ ހުންނެވީ ދެކުނު އެފްރިކާއިން ޑެންމާކަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގަ އެވެ.

ދެކުނު އެފްރިކާގައި އޮތް ނަސްލީ ތަފާތު ކުރުމުގެ ނިޒާމު ނިމުމަކަށް ގެނެސް، ކަޅު ނަސްލުގެ މީހުންނަށް ހައްގުތައް ހޯއްދަވައިދެއްވި ނެލްސަން މަންޑޭލާ އާއި އެކަމުގައި އޭނާއާ އެކު ބައިވެރިވެވަޑައިގެންނެވި ވިނީ މަންޑޭލާއަށް ދެ ދަރިކަނބަލުން ލިބިވަޑައިގެންނެވި އެވެ. އެއީ ޒިންޒީ އާއި ޒެނާނީ މަންޑޭލާ އެވެ.

މީގެ އިތުރުން މަންޑޭލާއަށް އެހެން ކައިވެންޏަކުން ހަތަރު ދަރިކަލުން ލިބިވަޑައިގެންނެވި އެވެ.

ނެލްސަން މަންޑޭލާ އަވަހާރަވީ ނޭވާ ލާ ނިޒާމުގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ފަހެއް ޑިސެމްބަރު 2013އިގަ އެވެ. އަދި ވިނީ މަންޑޭލާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ދޭއް އޭޕްރިލް 2018ގައި އަވަހާރަވެފަ އެވެ.

comment ކޮމެންޓް