ބިދޭސީން ރުޅިފަޅައިގެން ދިޔައީ ކެތް ނުވެގެން، ގޮތް ހުސްވުމުން

ޖުލައި 13، 2020: ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީން ކުރި މުޒާހަރާއެއް. -- (ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލްހާދީ)

މީގެ ހަފްތާއެެއްހާ ދުވަސްކުރިން ވެސް އޮތީ މުޒާހަރާގެ އިންޒާރެއް ދީފަ އެވެ. ހަފްތާއެއް ތެރޭގައި މުސާރައިގެ ކަންކަން ހަމަނުޖައްސައިފިނަމަ އަނެއްކާވެސް މުޒާހަރާއަށް ނިކުންނާނެކަމަށެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކާއި "ސަން" ގެ ނޫސްވެރިންނާ ދެމެދު ދެކެވުނު ވާހަކަތަކުން އެނގުނީ މިކަމެވެ. ޖުލައި ހަ ވަނަ ދުވަހު ކުރި މުޒާހަރާ ނިންމާލީ ހަމަނުޖެހުމެއް ނުހިންގަ އެވެ.

އެހެންނަމަވެސް ހަފްތާއެއް ފާއިތުވެދިޔަައިރު ވެސް މުސާރައިގެ ކަންކަން އެމީހުންނަށް ވަޒީފާދިން އައިލެންޑް އެކްސްޕާޓް ކުންފުންޏަށް ހައްލުނުވުމުގެ ސަބަބުން އަނެއްކާ ވެސް މިއަދު އެމީހުން ވަނީ މުޒާހަރާކޮށްފަ އެވެ.

"ބޭނުމީ ހަމަނުޖެހުން ހިންގައިގެންވެސް ރަށަށް ދާން"

ހެނދުނު 9:00 ޖަހާކަންހާއިރު އައިލެންޑް އެކްސްޕާޓްގެ ބިދޭސީން ފެށި މުޒާހަރާ ފުލުހުންނަށް ކޮންޓްރޯލްކުރެވުނީ 10:30-11 ޖަހާކަންހާއިރު އެވެ.

ޖުލައި 13، 2020: ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީން ކުރިޔަށްގެންދިޔަ މުޒާހަރާއެއް -- (ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލްހާދީ)

މުޒާހަރާ ކޮންޓްރޯލްކުރި އިރު، ފުލުހުންގެ ބައެއް ފަރާތްތަކަށް އަނިޔާ ލިބި ވެހިކަލްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

އެހެންނަމަވެސް މުޒާހަރާގެ ބައެއް ބައިވެރިން ބުނިގޮތުގައި އެންމެ ފުރަތަމަ ހަމަލާދޭން ފެށީ އެމީހުންނެއް ނޫނެވެ.

"އަހަރެމެން ފުރަތަމަ ފައިޓު (ތަޅާފޮޅާ) ނުކުރަނީ. އެކަމު އެތާ ސައިކަލް މަތީ ތިބި ދިވެހި މީހުން އެއްޗިހި އުކަނީމަ ދެން މި މީހުން އެއްޗިހި އުކަނީ." މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

ޖުލައި 13، 2020: އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީން ހުޅުމާލޭގައި ކުރި މުޒާހަރާގެ -- (ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލްހާދީ)

މުޒާހަރާގައި ބައިވެރިނުވާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ އެހެން ބިދޭސީއަކާއި އެ ސަރަހައްދުން ވާހަކަދައްކާލުމުން އޭނާ ބުނީ މިހާރު މުޒާހަރާކުރާ މީހުން ބޭނުންވަނީ ހަމަނުޖެހުން ހިންގައިގެންވެސް އެނބުރި ރަށަށް ދާށެވެ.

"މިހާރު ދެން މުސާރަ ނުލިބެނީ، ދެން މިކޮޅު މަސައްކަތްކުރުން ބޭކާރު. ދެން ރަށަށް ދެވެނީމިހެން ވައިލެންޓްވީމަ. ޑީޕޯޓުކުރަނީނު؟ ހައްޔަރުކުރަނީމަ؟" އޭނާ ސުވާލުކޮށްލި އެވެ.

އެމީހާ ބުނިގޮތުގައި މުސާރަ ނުދެވޭއިރު އެމީހުންގެ ކުންފުނިން އެމީހުން ރަށަށް ފޮނުވަންވެސް މަސައްކަތެއް ނުކުރެ އެވެ.

ބައެއްގެ އަމަލުތަކުން ހުރިހާ ބިދޭސީންނަށް ބިރު

މިއީ ވަކި ބައެއްގެ އަމަލުތަކާއި ވިސްނުން ހުރި ގޮތްކަމަށް ކިޔައިދެމުން އޭނާ ބުނީ އެގޮތަށް އެމީހުން ކަންތައް ކުރަނީ އިތުރަށް ހަދާނެ ގޮތް ހުސްވުމުން ކަމަށެވެ.

ޖުލައި 13، 2020: ހުޅުމާލޭގައި އައިލެންޑް އެކްްސްޕާޓް ކުންފުނިން ކުރި މުޒާހަރާ -- (ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލްހާދީ)

އައިލެންޑް އެކްސްޕާޓް ކުންފުނިން މިދިޔަ ހަފްތާގެ މުޒާހަރާއަށްފަހު ކޮންމެ ބިދޭސީއަކަށް 1،600 ރުފިޔާ ވަނީ ދީފަ އެވެ.

ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދީ އޮތުމަށްފަހު މީހަކަށް 1،600 ރުފިޔާ ދިނުމަކުން ނުފުދޭކަމަށް އޭނާ ބުންޏެވެ.

"މަންމަ، ބައްޕަ ހުންނަނީނު ރަށުގައި،؟ އެމީހުން ލާރި ބޭނުންވަނީ. އެކަމު މިހެން ފައިޓުކުރީމަ ހުރިހާ ދިވެހިން ބަންގްލަދޭޝް މީހުން ދެކެ ރުޅި އަންނަނީ. އަހަރެން ފައިޓު ނުކުރަނީ" އެެމީހާ ކިޔައިދިނެވެ.

އެ ކުންފުނީގެ ގާތްގަނޑަކަށް 50-100 އެއްހާ ބިދޭސީން މިއަދު މުޒާހަރާކުރިއިރު 300 އެއްހާ މީހުން އަމިއްލައަށް ވަޒީފާއިން ވަކިވެފައިވާކަމަށްވެސް ސަން އަށް ވަނީ މީގެ ކުރިން މައުލޫމާތު ލިބިފައެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން 40 މީހުން ފުލުހުން ހައްޔަރުކުރިއިރު އެ ކުންފުނީގެ އަދި މުޒާހަރާއަށް ނުނިކުންނަ އެތައް ބިދޭސީނެއްވެސް އެބަ ތިއްބެވެ.

އެމީހުންގެ އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ބައެއް އަމަލުތަކުގެ ސަބަބުން ދިވެހިންގެ ރުޅިވެރިކަން ހުރިހާ ބިދޭސީންނަށް އަމާޒުވެދާނެތީ އެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބިދޭސީންނަށް މުސާރަ ދޭން ފަށާފައިވާކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް އޭގެ ފަހުން ބިދޭސީންނާއި ވާހަކަދައްކާލުމުން އެނގިގެންދިޔައީ އެ ކުންފުނިން ކޮންމެ ބިދޭސީއަކަށްވެސް ދިނީ 1،600 ރުފިޔާކަމަށެވެ.

މިއީ ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދީ ބޭތިއްބުމަށްފަހު މި މަހު ދިން ފައިސާގެ އަދަދެވެ.

މިއަދުގެ މުޒާހަރާގެ މައްސަލައިގައިވެސް ކުންފުނީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

comment ކޮމެންޓް