މަޑުއްވަރީ އައިސްޕްލާންޓްގެ މަސައްކަތް ލަސްވާތީ ޒަހާއާ ސުވާލުކުރަނީ

--- ފޮޓޯ/ މަޖިލިސް

އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރ. މަޑުއްވަރީގައި ބަހައްޓާ އައިސްޕްލާންޓާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުއާ ސުވާލުކުރަން ހުށަހަޅުއްވައިފި އެވެ.

މިނިސްޓަރާ ސުވާލުކުރައްވަން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

އިންޑިއާގެ އެހީގައި މަޑުއްވަރީގެ އިތުރުން ކ. ގާފަރުގައި 25 ޓަނުގެ އައިސްޕްލާންޓް ބަހައްޓަން ނިންމައި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

ބީލަމުގެ އުސޫލުން އެ ޕްލާންޓުތައް ހަރުކުރުމަށް ހަވާލުކުރީ ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކުރީ ފަސް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެހެންކަމުން މިނިސްޓަރު ޒަހާއާ ސުވާލުކުރަނީ އައިސްޕްލާޓް ގާއިމުކުރުމުގެ މަސައްކަތް ލަސްވަނީ ކީއްވެތޯ އާއި އަދި އައިސްޕްލާންޓުގެ މަސައްކަތް ނިންމައި ހިދުމަތް ލިބެން ފަށާނީ ކޮން އިރަކުންތޯ އޮޅުންފިލުވުމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މެންބަރަކަށް ވަޒީރަކާ ސުވާލުކުރެވޭނީ، އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސްް މަޖިލީހުގެ ރައީސްް މެދުވެރިކޮށް، އެ ވަޒީރަކަށް ލިޔުމުން ފޮނުވައި، 14 ދުވަހުގރ މުއްދަތު އެ ނޯޓިހުގެ ތާރީހުން ފެށިގެން ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

ނަމަވެސް، 14 ދުވަހުގެ ކުރިންވެސް މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރު ތައްޔާރުވެފައިވާކަމަށް މަޖިލީހަށް ލިޔުމަކުން އެންގިދާނެ ކަމަށާއި އެފަދަ ލިޔުމެއް ވަޒީރެއްގެ ފަރާތުންް މަޖިލީހަށް ލިބުމުން 14 ދުވަހުގެ ކުރިން ވެސް އެ ވަޒީރަކާ ސުވާލުކުރުން މަޖިލީހުގެ ޖަލްސާގައި އެޖެންޑާކުރުމުގެ އިހްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންވެ އެވެ.

comment ކޮމެންޓް