އެމެރިކާ ސިފައިންގެ މަނަވަރެއްގައި އަަލިފާން ރޯވެ، 18 ސިފައިންގެ މީހަކު ފިހިއްޖެ

އެމެރިކާގެ މަނަވަރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކުރަނީ

ކެލިފޯނިއާ (ޖުލައި 13) : ކެލިފޯނިއާގެ ސެންޑިއޭގޯގެ ކަނޑުގެ ބޭހުގައި އޮތް އެމެރިކާ ސިފައިންގެ މަނަވަރެއްގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ 18 މީހަކު ފިހިއްޖެ އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޮންހޮމް ރިޗަޑް ނަމަކަށް ކިޔާ އެމަނަވަރުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި ނަމަވެސް އެހާދިސާގައި އެމަނަވަރުގައި ތިބި ކަނޑުގެ ސިފައިންގެ ތެރެއިން 18 މީހަކު ފިހި އެމީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ހާމަކޮށްފަ އެވެ.

ފިހުނު މީހުންނަށް ފަރުވާދިނުމަށް ޓަކައި އެމީހުން ގެންގޮސްފައި ވަނީ ސެންޑިއޭގޯގެ ޕްރައިވެޓް ހޮސްޕިޓަލަކަށެވެ. އެމީހުންގެ ތެރެއިން ފުރާނައަށް ނުރައްކާވާ ހާލަތުގައި އެކަކުވެސް ނެތްކަމަށް އެމެރިކާ ކަނޑުގެ ސިފައިންގެ ތަރްޖަމާނަކު ވިދާޅުވިއެވެ.

ދުއިސައްތަ ފަންސާސް ހަތް މީޓަރުގެ ދިގު އެ މަނަވަރުގެ ބޮޑުބައެއް އަލިފާނުގެ ހާދިސާގައި ހަލާކުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަލިފާނުގެ ޙާދިސާ ހިނގިއިރު އެ މަނަވަރުގައި 160 މީހުން ތިއްބެވެ. ސެންޑިއޭގޯ ގެ ފަޔާ ރެސްކިޔު މެނޭޖްމަންޓުން ބުނީ އަލިފާން ނިއްވުމަށް ބޮޑެތި ދަތިތަކެއް ދިމާވިކަމަށާ އަލިފާނުގެ ޙާދިސާ ހިނގި ކަމަށް ބެލެވެނީ އެ މަނަވަރުގައި ބާރުގަދަ އެއްޗެއް ގޮވައިގެން ކަމުގައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ މި ހާދިސާއާ ގުޅިގެން އެމަނަވަރުގެ ކޮމާންޑަރާ ގުޅުއްވައި އެމަނަވަރުގައި ތިބި އެމެރިކާ ސިފައިންނާއި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންގެ ހާލު ބައްލަވާފައެވެ. އެެމެރިކާގެ ކަނޑުގެ ސިފައިންވަނީ އަލިފާނުގެ އެ ހާދިސާ ތަހްގީގް ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް