ބިދޭސީންގެ ނުރުހުމުގައި އެމީހުން އަނބުރާ ނުފޮނުވޭނެ: މަޖިލިސް ރައީސް

15 ޖޫން 2020: މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނުރުހުމުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބިދޭސީން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަދު މަޖިލީގަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލަތް) އެވެ.

ހަލީމް ހުށަހެޅުއްވި މައްސަލައިގައި ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ވަނީ ގޮވާލައްވައިފައެވެ.

އަދި ރާއްޖޭއަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައިވާގޮތް ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާ ދައުލަތުގެ އިދާރާތަކަށް ވަނީ ގޮވާލައްވައިފައެވެ.

މީގެ އިތުރުން ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން މެދުވެރިކޮށް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލާ މީހުންގެ މުދަލަށް ގެއްލުންދިނުމަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރަމުން ދާތީ އެކަންކަން ކުށްވެރި ކުރާ ކަމަށް ވެސް މައްސަލައިގަައި ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް 75،000 އެއްހާ ބިދޭސީން އުޅޭ ކަމަށާއި އަދި އެމީހުންގެ ނުރުހުމުގައި އެމީހުން ގައުމަށް އަނބުރާ ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހަމައެއާއެކު އެމީހުން އަނބުރާ ފޮނުވާލަން މަސައްކަތްކުރާ ގައުމުގެ ރުހުންވެސް އެކަމަށް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ބޭނުން މި ރަށުގައި މިތިބި 75،000 ބިދޭސީން ފޮނުވާލެވޭނެ ގޮތެއް އެއީ ދުނިޔޭގެ އެއްވެސް ގައުމަކަށް ފެނިފައި އޮތް ގޮތެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިންޑިއާއަށް އެތެރެވި ރޮހިންގްނާ މުސްލިމުން އަލުން އަނބުރާ ބަންގްލަދޭޝަށް ފޮނުވުމަށް އިންޑިއާއިން ކުރި މަސައްކަތުން މިސާލު ނަންގަވައި މަޖިލިސް ރައީސް ވިދާޅުވީ، އިގްތިސޯދީ ސަބަބަކަށްޓަކައި ނުވަތަ އިންސާނީ ހައްގުތައް ގެއްލިދާތީ ނުވަތަ އެހެންވެސް މައްސަލައަކާ ހެދި އެއްގައުމުން އަނެއް ގައުމަށް މަސައްކަތަށާއި އެހެން ވެސް ކަމަކު ހިޖުރަކުރާ މީހުން އަލުން އަނބުރާ ފޮނުވާލުމަކީ ދުނިޔެ ދުވަހަކުވެސް ދެކެފައި އޮތް މަންޒަރެއް ނޫން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ދިވެހީންނަށް، މާދަމާ އެ ހުރިހާ އެންމެން ފޮނުވާލެވިދާނެ ކަމަށް ދެކެވޭ ކަމަށް ވަނީވިންޏާ އަޅުގަނޑު ދަންނަވާނީ އެއީ ހަގީގަތުގައި ވާން ނެތް ކަމެއް، އަޅުގަނޑުމެންގެ ހިތު އެޅި ގޮތަށް އޮންނަންޖެހޭނެ ކަމަށް ދެކިގެން އަޅުގަނޑުމެން ދައްކާ ވާހަކައެކޭ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވަނީ މައްސަލައިގައި ކަން އޮތް ގޮތުގެ ހަގީގަތް ރައްޔިތުންނަށް ބުނެދިނުމަށް ހުރިހާ ސިޔާސީ ވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އަދި އެކި ބޭނުންތަކަށް ލައްކައަކަށް ވުރެ ގިނަ ބޭރު މީހުން އިންތިހާއަށް ހެޔޮ އަގުގައި، ވަގަށް ރާއްޖެ އެތެރެކޮށް، އެމީހުން ލައްވައި ގުލާނުކޮށް އަޅުދާސްތުކޮށް މަސައްކަތް ކުރުވާ 72 ބިލިއަން ރުފިޔާގެ އެސެޓެއް ނުވަތަ ގައުމީ އުފެއްދުންތެރި ކަމެއް ރާއްޖޭގައި ގާއިމުކޮށްގައިވާ ކަމަށެވެ.

"ދެން އެމީހުން ކައިރީ ކަލޭމެން މާދަމާ ދާށޭ އަދި ބުންޏަކަސް އަޅުގަނޑުގެ ހިތެއް ނުބުނޭ އެކަން އެގޮތަކަށް ހިންގިދާނެ ކަމަކަށް. އެކަން އެގޮތަށް ހިންގާނެކަމަށް ވިދާޅުވާ ބޭފުޅަކު ހުންނެވީވިއްޔާ އަޅުގަނޑަށް ދެންނެވޭނީ އެއީ އެހެން ބާވަތެއްގެ ވާހަކައެއް ދައްކަވާ ބޭފުޅެކޭ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެކި ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން 3000 އަށް ވުރެ ގިނަ މީހުން ވަނީ ގައުމަށް އަނބުރާ ފޮނުވާލައިފަ އެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުން ނެތި، 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެ އެވެ.

ސަރުކާރުން ބުނެފައިވާ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

comment ކޮމެންޓް