ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅިގެން ކުއްލި މައްސަލައެއް

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

ފަހަކަށް އައިސް ރާއްޖޭގައި ބިދޭސީން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ބިދޭސީން މުޒާހަރާ ކުރަމުން އަންނަނީ އެމީހުންނަށް މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާތީ އާއި، އަދި ވެސް އެމީހުންގެ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް، އެމީހުންނަށް ވަޒީދާ ދިން ފަރާތްތަކުން އަމަލުކުރަމުން އަންނަ ކަމަށް ބުނެ އެވެ.

އެގޮތުން މި މަހުގެ ދެވަނަ ދުވަހު ބ. ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ބިދޭސީން ވަނީ ފުލުހުންނަށް ހަމަލާދީ، ދިވެހިންތަކެއް ރަހީނުވެސް ކޮށްފަ އެވެ. އަދި ތިލަފުށްޓާއި، ހުޅުމާލޭގައި ވެސް މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީން ވެސް އަންނަނީ ދޭތެރެ ދޭތެރެއިން މުޒާހަރާ ކުރަމުންނެވެ.

މިއަދުވެސް ހުޅުމާލޭގައި ބިދޭސީންތަކެއް ކުރަމުން އަންނަ މުޒާހަރާގައި ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައި، ބައެއް ތަންތަނާއި މުދަލަށް ވެސް ވަނީ ގެއްލުން ދީފައެވެ.

ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަދު މަޖިލީގަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލަތް) އެވެ.

ހަލީމް ހުށަހެޅުއްވި މައްސަލައިގައި ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ވަނީ ގޮވާލައްވައިފައެވެ.

އަދި ރާއްޖޭއަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައިވާގޮތް ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާ ދައުލަތުގެ އިދާރާތަކަށް ވަނީ ގޮވާލައްވައިފައެވެ.

މީގެ އިތުރުން ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީން މެދުވެރިކޮށް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލާ މީހުންގެ މުދަލަށް ގެއްލުންދިނުމަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރަމުން ދާތީ އެކަންކަން ކުށްވެރި ކުރާ ކަމަށް ވެސް މައްސަލައިގަައި ބުނެފައިވެއެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ބަހުސް ފަށައިފައެވެ.

comment ކޮމެންޓް