ފުރައްސާރައާއި އަނިޔާގެ ސަބަބުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު އިސްތިއުފާ ދީފި

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ފްލޭނިން އޮފިސަރުކަމުން އިސްތިއުފާދިން ފާތިމަތު ޝަރުމާ --- ފޮޓޯ/ އިންސްޓަގްރާމް

ޓޫރިޒަމް މިނިސްޓްރީގެ ބައެއް ވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބެމުން ދިޔަ ފުރައްސާރަ އާއި އަނިޔާގެ ސަބަބުން، އެއީ އެންމެ ރައްކާތެރި ވަޒީފާގެ މާހައުލެއް ކަމަށް ގަބޫލުނުކުރެވޭތީ އެ މިނިސްޓްރީގައި މަސައްކަތް ކުރަމުން ދިޔަ އަންހެން މުވައްޒަފަކު އިއްޔެ އިސްތިއުފާ ދީފިއެވެ.

އިސްތިއުފާ ދިނީ މިނިސްޓްރީގައި ސީނިއާ ޕްލޭނިން އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ފާތިމަތު ޝަރުމާއެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ޝަރުމާ ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާ އަކީ 2016 ވަނަ އަހަރުން ފެށިގެން މިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ މީހެއް ކަމަށެވެ.

އަދި ސިވިލް ސާވިސްގެ މަގާމުގައި ހުރި މުވައްޒަފެއްގެ ހައިސިއްޔަތުން ދުވަހަކުވެސް އަހްލާގީ ނުވަތަ އެނޫންވެސް މައްސަލައެއްގައި އޭނާއާމެދު ފިޔަވަޅު އަޅާފައި ނުވާނެ ކަަމަށެވެ.

މީގެއިތުރުން މިދިޔަ އަހަރު އޮފީހުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ތިން މުވައްޒަފަކަށް ސްކޮލާޝިޕް ދިންްއިރު، ސްކޮލާޝިޕްގައި އެންމެ މަތިން މާކްސް ހޯދުމަށްފަހު މިއަހަރު ރާއްޖޭން ބޭރަށް ކިޔަވަން ދިއުމަށް ތައްޔާރުވަމުން ދާކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

ހަމައެއާއެކު ކޮވިޑް19އާ ގުޅިގެން ކިޔަވަން ދިއުމާ ހަމައަށް ބިއުރޯގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ބަލިމަޑުކަމުގައި މިނިސްޓްރީއިން މަސައްކަތްކުރުމަށް އެކުލަވާލި ޓާސްކްފޯހުގައި ފެށުނީސްސުރެ މެދުކެނޑުމެއްނެތި ވޮލެންޓިއާކޮށްދީފައި ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އޭނާ ބުނީ ޓާސްކްފޯސްގެ މަސައްކަތްކުރި ދުވަސްވަރުގައި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް މުވައްޒަފުންނާއި އެފަރާތްތަކަށް ވާގިވެރިވާ ބައެއް ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން މެދުކެނޑުމެއްނެތި ސީދާ ގޮތުންނާއި ނުސީދާގޮތުން ފުރައްސާރަ ކުރަމުން ދިޔަކަމަށެވެ.

އަދި އެ ފުރައްސާރައިން ސަލާމަތް ކުރުމަށް ބިއުރޯގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މުހައްމަދު ހައްސާން އެހީތެރިވެރިދިން ކަން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، އެކި މަސައްކަތްތަކުގައި އެ ފަރާތްތަކުން ނަފްސާނީގޮތުން ކުރަމުންދިޔަ އަނިޔާތަކުގެ ޝަކުވާ އޭރު މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދާ ހިއްސާކުރުމުން، އެކި ފަހަރުމަތިން އެފަރާތްތަކަށް ނަސޭހަތްދެއްވާ އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާފައި ވާކަމަށް ވެސް ބުނެފައިވެއެވެ.

"ވަޒީފާގެ މާހައުލުގައި މަތީގައި ދެންނެވުނު މައްސަލަތަކާ އަޅުގަނޑު ކުރިމަތިލާ، ހުއްޓުމެއްނެތި މަސައްކަތުގައި އުޅުނު ނަމަވެސް ޖުލައި 09 ޖުލައި، 2020 ވީ ބުރާސްފަތި ދުވަހު އަޅުގަނޑާމެދު އޮފީހުގެ އިސްވެރިންނާއި ސިޔާސީ މުވައްޒަފުން އަމަލުކޮށްފައިވާ ގޮތުން އިތުރަށް މި ވަޒީފައިގައި ހުންނަން ބޭނުން ނުވާކަމުގައި ދަންނަވަމެވެ." ޝަރުމާގެ ސިޓީގައި ބުނެފައިވެއެވެ.

ޖުލައި ނުވަ ވަނަ ދުވަހަކީ މިނިސްޓަރުކަމުގެ މަގާމުން އަލީ ވަަހީދު ވަކިކުރި ދުވަހެވެ.

ސިޓީގައި ބުނެފައި ވަނީ މަގާމުން އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ވަހީދަށް އަންގަވާފައި ވަނިކޮށް، ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވި ސްޓާފް މީޓިންގައި ސަރުކާރުގެ ވުޒާރާއެއްގައި މުހާތަބު ކޮށްގެން ނުވާނެ ފަދަ ބޭއަދަބީ ބަހުން ބައެއް ފަރާތްތަކުން ވާހަކަދައްކާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭގޮތަށް އަމަލުކޮށްފައިވާ ކަަމަށެވެ.

އަދި ވޭތުވެދިޔަ ދުވަސްވަރު މިނިސްޓްރީގައި ކަންކަން ހިނގާފައިވާ ގޮތުން ބައެއް މުވައްޒަފުންނަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަމަށާއި ކޮންމެ މުވައްޒަފެއްގެ ހައްގު ހޯދައިދީ އެހީތެރިވެދޭނެ ކަމަށް ބުނި ނަމަވެސް، ޝަރުމާއަށް އެ ފުރުސަތު ދީފައިނުވާ ކަމަށް އެ ސިޓީގައިވެއެވެ.

އެހެން މުވައްޒަފުންނާ ބައްދަލުކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އޭނާއަށް އެފުރުސަތު ނުދީ މަސައްކަތުން ބޭރުގައި އެއްވެސް މުވައްޒަފަކާ ވާހަކަ ދެއްކުން މަނާކޮށް، އޮފީސްތެރޭގައި ހިނގުން މަނާކޮށް، ހަމަ އެކަނި ޑެސްކްގައި އިނުމަށް އޮފީހުގެ އިސްވެރިޔަކު އެންގި ކަމަށާއި އަދި މުޅި ދުވަހު މަސައްކަތުގެ މާހައުލުގައި އެކަހެރިކޮށްފާވާކަމަށް ވެސް ބުނެފައިވެއެވެ.

ސިޓީ ނިންމާލަމުން ޝަރުމާ ބުނެފައި ވަނީ ސިޔާސީ އޮއިވަރެއްގައި ވަކި މަގުސަދެއް ހާސިލްކުރުމަށް މިނިސްޓްރީގައި ތިއްބެވި ގިނަ ސިޔާސީ މުވައްޒަފުންގެ ފަރާތުން ލިބެމުންދިޔަ ފުރައްސާރައާއި އަނިޔާގެ ޝިކާރާއަކަށް އޭނާ ވެފައިވާ ކަމަށެވެ.

އަދި އޭނާއަށް އިންސާފު ނުލިބި، އަބުރަށް އުނިކަން ލިބޭފަދަ ތަފާތު ވާހަކަ ދެކެވި މިނިސްޓްރީގައި ތިއްބެވި ސިޔާސީ ބައެއް މުވައްޒަފުންގެ ނުފޫޒުގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ ބިރަށް އެފަރާތްތަކަށް އެއްބާރުލުން ދެއްވިކަމުގައި ވީނަމަވެސް، ޖެހިލުމެއްނެތި މިނިސްޓްރީގައި ކަންކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ހާމަކޮށް ދިނުމުގައި އެންމެ މީހެއްގެ ގޮތުގައި ހުންނަން ޖެހުނަސް، އެކަންކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"ވީމާ، މަސައްކަތުގެ މާހައުލުގައި އަޅުގަނޑާއި މެދު އަމަލުކޮށްފައިވާ ގޮތުން މަސައްކަތުގެ މާހައުލަކީ އަޅުގަނޑަށް އަމާން އަދި ރައްކައުތެރި ތަނެއްގެ ގޮތުގައި ގަބޫލު ނުކުރެވޭތީ، މިއަދުން ފެށިގެން ވަޒީފައިން ވަކިވި ވާހަކަ ދެންނެވީމެވެ." ޝަރުމާގެ ސިޓީގައި ބުނެފައިވެއެވެ.

އަލީ ވަހީދު މަގާމުން ވަކިކުރީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެންނެވެ. އެ މައްސަަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކޮށް، ފޯނާއި ލެޕްޓޮޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އޭނާ ރާއްޖެއިން ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް