ސްރީލަންކާގެ ކެންޕޭން ކުރިއަށް ގެންދަނީ ކޮވިޑް-19 ފެތުރިގެންދާފަދަ ގޮތަކަށް: އިންތިޚާބުތަކާބެހޭ އިދާރާ

ސްރީލަންކާގެ އިންތިޚާބުތަކާބެހޭ އިދާރާގެ ވެރިޔާ މަހިންދަ ދޭޝްޕްރިއާ

އަންނަ އޯގަސްޓް މަހުގެ ފަހެއް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ އާންމު އިންތިޚާބުގެ ކޭންޕޭން ކުރިއަށް ގެންދާ ގޮތުން ސްރީލަންކާގައި ކޮވިޑް-19 އިތުރަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ އިދާރާގެ ވެރިޔާ މަހިންދަ ދޭޝަޕްރިޔާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ މީޑިއާއަށް ދެއްވި ބަޔާނެއްގައި ދޭޝަޕްރިޔާ ވިދާޅުވީ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި މީހުން ގާތްގާތުގައި ތިބެގެން ކޭންޕޭން ހަރަކާތްތައް ހިންގާ މަންޒަރު ފެންނަމުންދާ ކަމަށާއި މިއީ ހިތާމަކުރަންޖެހޭ ކަމެއްކަމުގައެވެ. ދޭޝަޕްރިޔާ މިހެންވިދާޅުވީ ސްރީލަންކާގައި ކޮވިޑް-19 ކޮންޓްރޯލް ވިކަމަށްބަލައި ފުރަބަންދުގެ ފިޔަވަޅުތައް އުވާލައި ބޮޑެތި ލުއިތަކެއް ދިނުމާއެކު ކޮވިޑް-19 ގެ ކޭސްތަކެއް ކުއްލިގޮތަކަށް ފެންމަތިވާން ފެށުމާ ގުޅިގެންނެވެ.

ސްރީލަންކާގެ ކަންޑަކަޑު ސަރަހައްދުގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަކުން 253 މީހަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެކަންވެފައި މިވަނީ އެގައުމުގައި ކޮވިޑް ގެ ޕޮޒިޓިވް ކޭސްތައް ރެކޯޑު މިންވަރަކަށް ދަށަށް ގޮސްފައިވަނިކޮށެވެ. މިއައު ކޭސްތަކާއެކު ސްރީލަންކާގައި އަނެއްކާވެސްވަނީ ކޮވިޑްގެ އިތުރު ރާޅެއްގެ ބިރުވެރިކަން އުފެދިފައެވެ.

އަންނަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު ސްރީލަންކާގެ ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިޚާބަށް ކޭންޕޭން ކުރެވޭނީ އާންމު ގޮތެއްގައި އޮންލައިންކޮށް ކަމަށާއި މަގުމަތީގައާއި ޖަގަހަތަކުގައި ހިންގޭނީ ކޭންޕޭނުގެ ވަރަށް ކުޑަ ހަރަކާތްތަކެއް ސިއްހީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކުގައި ކަމަށް ނިންމައި އިންތިޚާބުތަކާބެހޭ އިދާރާއިންވަނީ ސިއްހަތާބެހޭ އިދާރާތަކާ ގުޅިގެން ކަމާބެހޭ ގައިޑްލައިންތަކެއް ނެރެފައެވެ.

ކޮވިޑް -19 ކޮންޓްރޯލް ކުރެވޭގޮތަށް އެކުލަވާލާފައިވާ އެ ގައިޑްލައިންތައް އަދިވެސް ދައުލަތުގެ ގެޒެޓްގައި ޝާއިޢުކޮށްފައިނުވާތީ އެއިދާރާގެ ވެރިޔާ މަހިންދަ ދޭޝަޕްރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސްރީލަންކާގެ މިޑިއާ ބުނާގޮތުން ބައެއް ކެންޑިޑޭޓުންގެ ސަޕޯޓަރުން ގެންދަނީ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުންފަދަ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރިއާޔަތް ނުކޮށް ޖަހަގަތަކުގައި ގައިގޯޅިކޮށް އެއްވުންތައް ބާއްވަމުންނެވެ. މިމައްސަލާގައި އާންމުންވެސްދަނީ ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޭންޕޭން ކުރުމަށް ސްރީލަންކާގެ އިންތިޚާބުތަކާބެހޭ އިދާރާއާއި ސިއްހަތާބެހޭ އިދާރާތައް ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިން ގެޒެޓް ނުކުރެވި ލަސްވަނީ އެގައުމުގެ އެޓާނީ ޖެނެރަލްގެ އޮފީހުން އެގައިޑްލައިންތައް އަދިވެސް ފާސްނުކުރާތީ ކަމަށާ އިންތިޚާބާ މިހާގާތްވެފައިވާއިރު އެކަން ކުރުން ލަސްވާ ސަބަބު ސާފުނުވާކަމަށް ސްރީލަންކާގެ މީޑިއާ ބުނެއެވެ.

މިދިޔަ މާޗްމަހު ބޭއްވުމަށް ކުރިން ހަމަޖެއްސި ސްރީލަންކާގެ އާންމު އިންތިޚާބު ލަސްވެގެންދިޔައީ ކޮވިޑް-19 ގެ ސަބަބުންނެވެ. ސްރީލަންކާގެ ޕާލަމެންޓްރީ އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރާނެކަމަށް ބެލެވެނީ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ގެ ޕޮޑުޖަނާ ޕެރުމުނާ ޕާޓީންނެވެ.

އެ ޕާޓީން ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތު ހޯދަން މަސައްކަތް ކުރަނީ ކޯލިޝަނަކާނުލައި ސަރުކާރެއް އެކުލަވާލެވޭފަދަ ބާރުތައް ހޯދައިގެން ބައެއް ގާނޫނުތަކަށް ބަދަލުގެނަސް ގޮތަބަޔާއާ އަދި އޭނާގެ ބޭބެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގެ ބާރު ގަދަކޮށް ބާރުގަދަ ވެރިކަމެއް ހާސިލްކޮށްގެން ސްރީލަންކާގެ ހީނަރުވެފައިވާ އިގްތިސާދު އަލުން ކޮޅަށް ޖަހައި އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށް އެ ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް