އެޗްއާރުސީއެމްގެ ހުރިހާ ކަމަކަށް ޒާހިދު ޒިންމާ ވާކަށް ނުޖެހޭނެ: ވަކީލު

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން ---

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުގެ މެމްބަރުން ޖުމްލަކޮށް ކޮށްފައިވާ ކަމަކަށް ނުވަތަ ކޮމިޝަނުން ކޮށްފައިވާ ކަމަކަށް އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދު ޒިންމާވާން ނުޖެހޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޒާހިދު މިއަދު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރެވުނީ އޭނާގެ އިތުބާރު ނެތް ކަމަށް ބުނެ، އެޗްއާރުސީއެމްގެ މެމްބަރު ކަމުން ވަކި ކުރުމަށް ކޮމިޓީއިން ކުރިއަށް ގެންދާ މައްސަލާގައި ޖަވާބު ދާރީ ވުމަށެވެ. މައްސަލާގައި ޒާހިދަށް ކޮމިޓީއިން ފޮނުވާފައިވާ ސިޓީތަކާ ގުޅިގެން ވަކީލު އަހުމަދު މުއިއްޒު ވަނީ މިއަދު ކޮމިޓީގައި ވާހަކަފުޅު ދައްކަވާފަ އެވެ.

މުއިއްޒު ވިދާޅުވީ ޒާހިދަށް އެޑްރެސް ކުރަައްވާ ކޮމިޓީއިން ފޮނުވި ސިޓީގައި ޖުމްލަކޮށް މުޚާތަބުކޮށްފައިވަނީ ކޮމިޝަނަށް ކަމަށެވެ.

"ޒާހިދު ވަކިކުރުމުގެ މައްސަލައެއް ވެއްޖެއްޔާ ޒާހިދު ޖަވާބުދާރީވާން ޖެހޭ ކަންތައްތަކެއް ވަކިން ފާހަގަކުރައްވަން ޖެހޭނެ. ކޮމިޝަނުގެ ހުރިހާ ކަމަކަށް ޒާހިދަކަށް ޖަވާބު ދާރީވާކަށް ނުޖެހޭނެ. މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރަން ޖެހޭ ގާނޫނީ ސަބަބުތަކެއް އެބަހުރި ލިޔެފަ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒާހިދު މަގާމުން ވަކިކުރުމުގެ މައްސަލާގައި އެޗްއާރުސީއެމުން 10 ކަމެއް ފާހަގަކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ ކަންކަން ފާހަގަކޮށްފައިވަނީ ވަރަށް ދޯހަޅި ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ކޮމިޓީއިން ޒާހިދަށް ފޮނުވި ސިޓީއެއްގައި ކޮވިޑާ ގުޅިގެން އެޗްއާރުސީއެމުން ކުރާ ކަންކަމުގައި އިސްކަން ދޭ ކަންކަމާ ބެހޭގޮތުން ފާހަގަކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން ކުރާ ކޮން ކަމެއް ކަން ނުވަތަ އޭގައި ޒާހިދުގެ އިހުމާލަކީ ކޮބައިކަމެއްވެސް ފާހަގަކޮށްފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކޮމިޝަނުގެ މެމްބަރުން ހާޒިރުކޮށްގެން ޖަވާބު ދާރީވުމަށް ފުރުސަތު ދީ ހިންގަނީ ބޭނުން ނެތް އިޖުރާއަތެއް ކަމަށެވެ. އެއީ ކޮމިޓީއިން އެޗްއާރުސީއެމަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމިޓީއިން ވަކިކުރަން ނިންމަވާފައި ދިރާސާކުރަން ފޮނުވި ވާހަކަ މިއޮންނަނީ. މިއީ ގާނޫނީ ގޮތުން ވަރަށް ބަލައިގަންނަން އުނދަގޫ ކަމެއް. ފުރަތަމަ ވަކިކުރައްވަން ނިންމެވީ ދިރާސާ ނުކުރައްވާކަން ދޭހަވަނީ ސިޓީއަށް ބަލާލާއިރު،" ވަކީލު އަހުމަދު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މައްސަލަ ރަނގަޅަށް ދިރާސާކޮށް ނުބަލައި އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރަން ނިންމާފައިވާކަން ކޮމިޓީއިން ފޮނުވި ސިޓީއިން އެނގޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޒާހިދު ވަކިކުރަން ކޮމިޓީއިން ނިންމި ނިންމުމުގެ އަސާސްވެސް ގޯސް ކަމަށެވެ.

މިއަދު ކޮމިޓީގައި މެމްބަރުން ޒާހިދާވެސް ގިނަ ސުވާލުތަކެއް ކުރި އެވެ. ގިނަ ސުވާލުތަކުގެ ޖަވާބުގައި ވަކި ކަމެއް ހަނދާނެއް ނެތް ކަމަށް ޒާހިދު ވިދާޅުވި އެވެ. އަދި އެޗްއާރުސީއެމްގައި ސިޓީތަކަށް ޖަވާބު ފޮނުވުން ފަދަ ކަންކަން ނިންމަކީ ހުރިހާ މެމްބަރުން މަޝްވަރާކޮށްގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ ހަތަރު މެމްބަރަކު މިއަދު ކޮމިޓީއަށް ހާޒިރުވާން އެންގި ނަމަވެސް ހާޒިރުވީ ޒާހިދު އެކަންޏެވެ. ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސް އަދި މެމްބަރު އައިޝަތު އަފްރީން ވަނީ މިއަދު އެ ކޮމިޝަނުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

comment ކޮމެންޓް