ރޭޕްކުރުމަށް ހިތްވަރުލިބޭ ފަދަ އިބާރާތަކުން ސްމިތް ޓްވީޓް ކުރި މައްސަލަ ބަލަނީ

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އަލީ ހާޝިމް (ސުމިތު) ---

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުރި އަލީ ހާޝިމް (ސްމިތު) ރޭޕްކުރުމަށް ހިތްވަރުލިބޭ ފަދަ އިބާރާތަކުން ޓްވީޓެއް ކުރި މައްސަލަ ސަރުކާރުން ބަލަން ފަށައިފިއެވެ.

ކޮވިޑް19 އާ ގުޅިގެން މާގިރި ހޮޓަލުގައި ތިބި ޓޫރިޒަމް މިނިސްޓްރީގެ ސްޓާފުންގެ ތެރޭގައި ސްމިތު ހިމެނެއެވެ. އަދި އޭނާގެ ކޮޓަރިއަށް މިނިސްޓްރީގެ މުވައްޒަފުން ނޫން ގިނަ އަދަދެއްގެ އަންހެން ކުދިން ވައްދާފައިވާ ކަމަށް ހޮޓަލުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ސްމިތުގެ ފޮޓޯ ޖަހައި ހަދާފައިވާ ޕޯސްޓަރެއް ޓުވީޓުކޮށް ސްމިތު ވަނީ އޭނާ އަކީ "ކާމިޔާބު މީހެއް" ކަމަށް ބުނެފައެވެ.

ސްމިތުގެ އެ ޓުވީޓު ރީޓުވީޓުކޮށް އަންހެން ކުއްޖަކު ބުނެފައި ވަނީ އެއީ ކާމިޔާބުވުން ނޫން ކަމަށާއި، ސްމިތު ދެއްކި ވާހަކައަކީ ލަދުން ބޯހަލާކުވާ ކަހަލަ ވާހަކައެއް ކަމަށެވެ.

އަންހެން ކުއްޖާގެ ޓުވީޓަށް ރައްދު ދީ ސްމިތު ބުނެފައި ވަނީ "[ނަން] ރޭޕް ކުރީމަ ކަޑަވަނީ ދޯ" އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސްމިތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ނުރުހުން ފާޅުކޮށް މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެއްވައި، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސްމިތު ދެއްކި ވާހަކައަކީ ވަރަށް ލަދުވެތި އަދި ދަށުދަރަޖައިގެ ވާހަކައެއް ކަމަށެވެ.

އަދި އެއްވެސް މީހަކަށް ނިސްބަތްކޮށް އެފަދަ ވާހަކައެއް ދެއްކިގެން ނުވާނެ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ހޫދު ވިދާޅުވިއެވެ.

ފާޑުކިޔުންތަކަށް ރައްދުދީ ސްމިތު ފަހުން ކުރި ޓުވީޓެއްގައި ބުނީ ކުރުކޮށް އަވަސް އަރުވާލައިގެން ލިޔުމުން މާނަ އޮޅޭގޮތަށް ލިޔެވުނީ ކަމަށެވެ. އަދި އޭނާގެ ޓުވީޓުގައި ބުނެފައި އެވަނީ ރޭޕް ކުރުން "ކަޑަ" ވާހަކަ ކަމަށެވެ.

"އަޅުގަނޑު ބުނީ، އަޅުގަނޑު ގެންދިޔަ ބައެއް ކަމަށް ތިޔަ ބުނާ މީހުން ގެންދިޔައީ ގަދަބާރަކުން ނޫނޭ. އަދި ކަޑަކަމަކަށް ވަނީ ރޭޕް ކުރީމަ ދޯއޭ؟! އެހެން މި ބުނީ. ކުރުކޮށް އަވަސް އަރުވާލައިގެން ލިޔުނީމަ މާނަ ނުބައިކޮށް ނަންގަވައިގެން ވެސް މޮޔަވުން މިއޮތީ،" ސްމިޓު ބުނެފައިވެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ސްމިތަކީ މީގެ ކުރިން ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވި ހައްޔަރުވެސް ކޮށްފައިވާ މީހެކެވެ.

އެގޮތުން ސްމިތުގެ މައްޗަށް މީގެ ކުރިން އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކި ކަމުގެ ތުހުމަތުވެސް ކުރެވުނެވެ. އަދ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމަށްވެސް އޭނާއަށް ތުހުމަތު ކުރެވުނެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރި އެވެ. އެކަމަކު ފަހުން ދޫކޮށްލީ އެވެ.

މީގެ އިތުރުން އޫނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން އޭނާ ހައްޔަރު ކުރި އެވެ. އެކަމަކު، އޭނާ ފަހުން ދޫކޮށްލި އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އޭރު އިދިކޮޅުން ބުނަމުން ދިޔައީ އޭނާ ހައްޔަރު ކުރީ ސިޔާސީ ގޮތުން ކަމަށެވެ.

comment ކޮމެންޓް