241 ކޮމިޓީއަށް ބާރުދޭ މާއްދާތައް އުނިކުރަން އިދިކޮޅުން އިސްލާހު ހުށަހަޅައިފި

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް އޮތުމުން، އެ ބާރުތައް ހަނިކުރުމަށް، ބިލުގައި ހިމަނާފައިވާ އެ ކޮމިޓީއަށް ބާރުލިބޭ ބައެއް މާއްދާތައް އުނިކުރަން އިދިކޮޅު ކޯލިޝަނުން އެ ބިލަށް އިސްލާހު ހުށަހަޅައިފިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބައެއް މާއްދާތަކަށް އިސްލާހު ހުށަހެޅުމުގެ އިތުރުން ފުލުހުންގެ ހުވާގެ އިބާރާތަށް ވެސް ބަދަލުގެންނަން ހުށަހަޅައިފަައެވެ.

އެގޮތުން ފުލުހުންގެ ހިދުމަތް ހިނގާނުހިނގާ ގޮތް ބެލުމަށްޓަކައި، 241 ކޮމިޓީއަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރާ، ކޮމިޝަނަރާ ސުވާލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އާއި ކޮމިޓީގެ އެންގުންތަކާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރަން ލަފާދެވިދާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ވަނީ ހުށަހަޅައިފައެވެ.

އެ މާއްދާތައް އުނިކުރަން ހުށަހަޅާ ސަބަބެއް ކަމުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 239 ވަނަ މާއްދާއިން، ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެ ކަމަށް ބުނެފައިވާތީ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

މީގެ އިތުރުން ޕޮލިސިން ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި މިނިސްޓަރު ކަނޑައަޅާ މެމްބަރެއްގެ އިތުރުން 241 ކޮމެޓީން އައްޔަންކުރާ މެމްބަރަކު އިންނަ ގޮތަށް ބިލުގައި އޮތްއޮތުން ބަދަލުކޮށް، ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެމްއެންޑީއެފްގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުން ކަނޑައަޅާ މެމްބަރުން ބޯޑުގައި ހިމެނުމަށް ވެސް އިދިކޮޅުން ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ހަމައެއާއެކު ކޮމިޝަނަރާއި މިނިސްޓަރުގެ ޒިންމާތައް ބަޔާންކުރާ މާއްދާއަށް އަކުރުތަކެއް އިތުރުކުރުމަށް ވެސް އިދިކޮޅުން ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިނިސްޓަރުގެ ޒިންމާތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން ލިޔުމުން މިނިސްޓަރަށް އަންގާ ކަންކަމާ ގުޅިގެން، އިސްލާހުކުރަންޖެހޭ ކަންކަން ބަލައި، އެކަންކަމާ ގުޅޭގޮތުން މިނިސްޓަރު ފިޔަވަޅުއަޅަން ވާނެ ކަމަށާއި، އިސްލާހުކުރަން އަންގާ ކަންކަން އިސްލާހުކުރެވެން ނެތް ނަމަ، އެކަން ލިޔުމުން މަޖިލީހަށް އެންގުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތު ކަމަށް ވަނީ ހިމަނައިފިއެވެ.

ކޮމިޝަނަރުގެ ޒިންމާތައް ބަޔާންކުރާ މާއްދާއަށް ހަތަރު އަކުރެއް އިތުުރުކުރަން އިސްލާހުގައި ވެއެވެ. އެގޮތުން ރައްޔިތުންނާއި މުޖުތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން އަމަލުކުރަމުންދާ މައިގަނޑު ސިޔާސަތަކަށް ގެންނަންޖެހޭ ބަދަލުތައް 241 ކޮމެޓީއާ ހިއްސާކުރުމަށާއި ފުލުހުންގެ އޮޕަރޭޝަންތަކާ ހަރަކާތްތަކާ ބެހޭ މައުލޫމާތުގެ ތެރެއިން ހިނގަމުންދާ ތަހުގީގަކަށް ނުވަތަ އޮޕަރޭޝަނަކަށް ހުރަސް ނޭޅޭނެ މައުލޫމާތު 241 ކޮމެޓީން އެދިއްޖެ ހާލަތެއްގައި ހިއްސާކުރުން އިތުރުކޮށްފައިވެއެވެ.

އަދި ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު އާލާކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް، 241 ކޮމެޓީން އެދިއްޖެނަމަ ހިއްސާކުރުމަށާއި، ފުލުހުން ގެންގުޅޭ ހަތިޔާރާއި އާލާތްތަކާއިި ވަސީލަތްތަކާއި ގުޅޭ މައުލޫމާތުވެސް 241 ކޮމެޓީން އެދިއްޖެނަމަ ހިއްސާކުރުން ހިމަނާފައިވެއެވެ.

މީގެ އިތުރުން އިދިކޮޅުން ވަނީ ފުލުހުންގެ ހުވައިގެ އިބާރާތަށް ވެސް ބަދަލުގެންނަން ހުށަހަޅައިފައެވެ.

މިހާރު ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންގެ ހުވާގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިބާރާތަކީ:

"އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓާ، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ހިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކުރަމެވެ."

ނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ފުލުހުންގެ ހުވާގެ އިބާރާތަށް ގެނެސްފައިވާ ބަދަލަކީ:

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް، ދިވެހި ފުލުހެއްގެ މަގާމުގައި ހުރެ އަހުރެން ހިދުމަތް ކުރާނީ އިންސާނީ ހައްގު ހިމާޔަތްކޮށް ކުރިއެރުވުމުގައި އިސްނަގާ މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ނުވަތަ ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ވިސްނުމެއް ނެތި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެ ގާނޫނުއަސާސީން ބާރުލިބިދޭ ގާނޫނުތަކުގެ ހުކުމްތައް އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު ނެގެހެއްޓުމަށާއި އަމަން ގާއިމުކުރުމަަށެވެ. ކޮންމެ ހާލަތަކާ ކުރިމަތިވިކަމުގައި ވީނަމަވެސް، ފުލުހެއްގެ މަގާމު އަހުރެން އަދާކުރާނީ، އެގޮތުގައި ހުރެކަމުގައި، މާތް ﷲ ގަންދީ ހުވާކޮށް، އެކަން އެގޮތުގައި ކުރުންމަތީ ދެމިހުރުމަަށް އެކަލާނގެ ހަޟްރަތުން އަހުރެން ވާގި އެދެމެވެ."

އިދިކޮޅުން ހުށަހެޅި އިސްލާހުގައި، ފުލުހުންގެ ހުވައިގެ އިބާރާތް ކުރިން އޮތްގޮތާ ދާދިއެއްގޮތަށް ބަދަލުކުރަން ވަނީ ހުށަހަޅައިފައެވެ. އިބާރާތަށް އިސްލާހު ހުށަހަޅާފައިވާ ގޮތް:

"އަހުރެން (މީހާގެ ނަން) އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމާއި ސާބިތުކަންމަތީ ދެމި ހުރުމަށާއި އިންސާނީ ކަރާމާތްތެރިކަން އިސްކުރުމަށާއި، ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށާއި، ދިވެހި ދައުލަތާއި ރައްޔިތުންނާއި މުދާ ހިމާޔަތްކުރުމުގައި ފުރާނައިން ގުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކުރަމެވެ."

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި 241 ކޮމެޓީއަށް ބޮޑެތި ބާރުތަކެއް ނަގަން ހިމަނާފައިވާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.

ނަމަވެސް ފުލުހުންގެ ހިދުމަތުގެ ބިލުގެ 72 ވަނަ މާއްދާގައި 241 ކޮމެޓީގެ ދައުރު ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ބާރަށް އަމަލީ ސިފަ ގެނައުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް