މިއަދު މުޅި ރާއްޖެއަށް އުދަ އަރާނެކަމަށް ލަފާކޮށްފި

ކ. ހިންމަފުއްޓަށް މިދިޔަ އަންގާރަ ދުވަހު އުދަ އަދަނީ -- ފޮޓޯ/ ޓްވިޓާ (@tckokko)

ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އުދަ އަރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު 15:30 ން 19:30 އާދެމެދު ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު. ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް ދަންނަވަން،" މެޓުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު ކަމަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން އަދި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

comment ކޮމެންޓް