މާލީގެ މުޒާހަރާތަކާ ގުޅިގެން ދުސްތޫރީ ކޯޓު އުވާލައިފި

މާލީގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ރައީސް ވަނީ އެގައުމުގެ ދުސްތޫރީ ކޯޓު އުވާލައްވާފަ -- ފޮޓޯ: ރޮއިޓާސް

ބަމަކޯ (ޖުލައި 12): މާލީގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ރައީސް އިބްރާހިމް ބޫބަކާރު ކެއިޓާ އެގައުމުގެ ދުސްތޫރީ ކޯޓު އުވާލައްވައިފި އެވެ.

މިދިޔަ އޭޕްރިލް މަހު މާލީގައި މުޒާހަރާތައް ފެށުނީ އެގައުމުގައި މާޗް މަހު ބޭއްވި ޕާލިމެންޓް އިންތިހާބުގެ 30 ގޮނޑިއެއްގެ ނަތީޖާ ދުސްތޫރީ ކޯޓުން ބާތިލު ކުރުމުންނެވެ. އެ އިންތިހާބުން ފުރަތަމަވެސް ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ވެރިކަން ކުރާ ޕާޓީންނެވެ. އަދި ކޯޓުގެ ނިންމުމުގެ ސަބަބުން ވެރިކަން ކުރާ ޕާޓީއަށް އިތުރު ގޮނޑިތައް ލިބުމަށް މަގުފަހިވި އެވެ.

އެ އިންތިހާބުގެ ނަތީޖާގެ އިތުރުން މާލީގެ ނަސްލީ ހަމަނުޖެހުންތައް އިތުރުވެ، އިގުތިސާދީ ހާލަތު ގޯސްވަމުން ދިޔުމުން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ވަނީ ހޫނުވެފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު މުޒާހަރާ ތެރޭ ހިނގި ހަމަނުޖެހުންތަކުގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

އޭގެ ސަބަބުން ރައީސް ކެއިޓާ ވަނީ މާލީގައި އެފަދަ ހަމަނުޖެހުންތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު އެގައުމުގެ ދުސްތޫރީ ކޯޓުގައި ތިއްބެވި މެމްބަރުންގެ ލައިސެންސް ބާތިލު ކުރުމަށް ފަހު އެކޯޓަށް އާ މެމްބަރުން ހޮވުމުގެ މަސައްކަތް ފަށާނެ ކަމަށް އިއްޔެ ވިދާޅުވެފަ އެވެ.

"މިގޮތަށް ޑިފެކްޓޯކޮށް ކޯޓު އުވާލުމުން، އިންތިހާބާ ބެހޭ މައްސަލަތައް ވީހާވެސް އަވަހަށް ހައްލު ކުރުމަށް [އެ ކޯޓަށް] އާ މެމްބަރުން ނޮމިނޭޓު ކުރުމަށް އަންނަ ހަފްތާގައި ކަމާ ބެހޭ ފަރާތްތަކަށް އެންގޭނެ،" ކެއިޓާ ވިދާޅުވި އެވެ.

މާލީގައި މުޒާހަރާ ކުރަމުންދާ މީހުން ގޮވާލަމުންދާ ކަންތައްތަކުގެ ތެރޭގައި ރައީސް އިސްތިއުފާ ދެއްވުމާއި ޕާލިމެންޓު އުވާލުމާއި އިންތިގާލީ ސަރުކާރެއް ގާއިމު ކުރުން ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް