އާ ޔުނީފޯމުން ކުރީގެ މައްސަލަތައް ހައްލުވެ، ހަރަދުކުޑަ ކުރެވޭނެ: އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ނަރުހުން އާ ޔުނީފޯމްގައި-- ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗްއިން އަލަށް ތައާރަފްކުރި ނަރުހުންގެ ޔުނީފޯމާއެކު ކުރީގެ ޔުނީފޯމާމެދު ހުށަހަޅާފައިވާ މައްސަލަތައް ހައްލުވެ، ހަރަދު ކުޑަކުރެވޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްއިން އަނެއްކާވެސް ޔުނީފޯމްގެ ޑިޒައިންއަށް އިއްޔެ ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ދެ އަހަރު ވަންދެން ބޭނުންކުރި ޔުނީފޯމްގެ ބަދަލުގައި ދެން ބޭޏުންކުރާނީ މުޅިން "ޕްލެއިން" ނޫ ޔުނީފޯމްއެކެވެ. އިއްޔެއާ ހަމައަށް ބޭނުންކުރި ޔުނީފޯމްގައި މާޖެހި ޑިޒައިނެއް ހިމެނެއެވެ. މިއީ އެ ހޮސްޕިޓަލުން ޔުނީފޯމް ބަދަލުކުރި ތިން ވަނަ ފަހަރެވެ.

މީގެ ދެ އަަހަރުކުރިން އައިޖީއެމްއެޗްގައި ބޭނުންކުރީ ހުދު ކުލައިގެ ޔުނީފޯމެކެވެ.

ޔުނީފޯމް ބަދަލުކުރި ސަބަބާ ގުޅޭ ގޮތުން އައިޖީއެމްއެޗްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޔުނީފޯމް ބޭނުންކުރަން ފެށީއްސުރެ އެކި ބާވަތްތަކުގެ ޝަކުވާ ލިބެމުންދިޔަ ކަމަށެވެ.

"12 ޖުލައި 2020 ގައި ބޭނުންކުރަން ފެށި ނަރުހުންގެ އާ ޔުނީފޯމަކީ ނަރުހުންނާއި އަދި ދާއިރާގެ އެކި ފަރާތްތަކުގެ މަޝްވަރާއާއެކު ފަރުމާ ކުރެވިފައިވާ، ޔުނީފޯމާމެދު ހުށަހެޅިފައިވާ ގިނަ ޝަކުވާތަކަށް ހައްލުލިބޭފަދަ ޔުނީފޯމެކެވެ." އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ.

އައިޖީއެމްއެޗްއިން އިތުރަށް ބުނީ ކުރިން ބޭނުންކުރަމުންދިޔަ ޔުނީފޯމު ފަހަމުން ދިޔައީ އައުޓްސޯސްކޮށްގެން ކަމަށެވެ. ނަމަވެސް މިހާރު ބޭރުން ފޮތި ގެނެސްގެން އަމިއްލައަށް ފަހާތީ ދައުލަތުން ކުރަމުން އައި ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށެވެ.

"ވީމާ ޔުނީފޯމަކީ އަހަރަކު އެއްފަހަރު ފޯރުކޮށްދޭން ޖެހޭ އެއްޗަކަށް ވީހިނދު ޔުނީފޯމާމެދު ހުރި ޝަކުވާތަކަށް ހައްލު ލިބި ފެންވަރު ރަނގަޅު އުފެއްދުމެއް ވަނީ ލިބިފައެވެ." އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް