އިމްރާން ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އޯޑިއޯގެ ސައްހަކަން ފުލުހުން ބަލަނީ

ޑިސެމްބަރު 15، 2019: ވިއަވަތި ރާއްޖެ ކޮންފަރަންސްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (މ) އަދި ހޯމް މިނިސްޓަރު އިމްރާން އަބްެދުالله (ވ) --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހޯމް މިނިސްޓަރު އިމްރާނަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރާ އޯޑިއޯއެއް ލީކުވެ، އޭގެ ސައްހަކަން ފުލުހުން ބަލަން ފަށައިފި އެވެ.

ޝޯޝަލް މިޑިއާގައި މިހާރު ދައުރުވަމުންދާ އެ އޯޑިއޯގައި އިމްރާން އަންހެނުނަށް ޖިންސީ ގޯނާ ކުރާކަމަށް ބުނެ އަންހެނަކު ތުހުމަތު ކުރާ އަޑު އިވެއެވެ.

އެ އޯޑިއޯއާ ގުޅިގެން ފުލުހުންގެ މީޑިއާ ގުރުޕޫގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެ އޯޑިއޯގެ ސައްހަކަން ބަލަމުން އަންނަ ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

"ތިޔަ ފާހަގަކުރާ އޯޑިއޯ ސޯޝަލް މީޑިއާ މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަމާލުކަމަށް އައިސްފައިވާތީ އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން،" މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުުން ފުލުހުން އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހޯމް މިނިސްޓަރުގެ މީޑީއާ ޑައިރެކްޓާ ހަފްސީ އަބްދުﷲ "ސަން" އަށް ވިދާޅުވީ، އޯޑިއޯއާ ގުޅިގެން ކޮމެންޓެއް ނެތް ކަމަށާއި ނަމަވެސް މިނިސްޓަރުގެ ފަރާތުން ޖިންސީ ގޯނާގެ އެފަދަ ކަމެއް ނުހިނގާކަން ކަށަވަރުކޮށްދޭ ކަމަށެވެ.

އިމްރާނަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭއިރު، ދާދި ފަހުން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާގެ ތުހުމަތުކުރެވިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އޭނާގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

comment ކޮމެންޓް