މަޝްހޫރު މިނީސޯ ބްރޭންޑުގެ ފިހާރައެއް ސޮނީ ސްޕޯޓްސްއިން ހުޅުވައިފި

ސޮނީ ސްޕޯޓްސްއިން އަލަށް ހުޅުވި މިނީސޯ ފިހާރަ--

ޖަޕާނުގެ މަޝްހޫރު ޑިޒައިނާ ބްރޭންޑް މިނީސޯގެ އައުޓްލެޓެއް ސޮނީ ސްޕޯޓްސްއިން މާލޭގައި ހުޅުވައިފި އެވެ.

އަލަށް ހުޅުވި މި އައުޓްލެޓް ހުންނާނީ އަމީނީމަގު، ކަލާފާނު ސްކޫލާއި އިންވެގެން ހުންނަ ކަންމަތީގަ އެވެ. މިނީސޯ މޯލްޑިވްސްއިން ވިއްކާ ބައެއް ތަކެތީގެ ތެރޭގައި ދަބަސް، އިލެކްޓްރޯނިކްސް، އިލެކްޓްރިކަލް އެޕްލަޔަންސް، ޓެކްސްޓައިލް، ކުޑަކުދިންގެ ކުޅޭ ސާމާނު ހިމެނެ އެވެ.

މީގެ އިތުރުން ކޮސްމެޓިކްސް، ސްކިންކެއާ ޕްރޮޑަކްޓްސް އަދި މޭކަޕް ޓޫލްސް ވެސް މިނީސޯ މޯލްޑިވްސްއިން ލިބޭނެ އެވެ. އަދި އެ ފިހާރައިގެ ލައިފް ޑިޕާޓްމަންޓުން ބަދިގެއަށާއި ފާހާނާއަށް ބޭނުންވާ ސާމާނުގެ އިތުރުން ފެބްރިކް އޯގަނައިޒާ ފަދަ ތަކެތި ވެސް ލިބޭނެ އެވެ.

މިނީސޯއަކީ ޖަޕާނުގެ ޑިޒައިނަރު މިޔާކޭ ޖުންޔާ އާއި ޗައިނާގެ ޒުވާން ވިޔަފާރިވެރިޔާ ޔޭ ގޯފޫ ގުޅިގެން އުފެއްދި ކުންފުންޏެކެވެ. މިނީސޯގެ އުފެއްދުންތައް ދަމަހައްޓަމުން އައިސްފައިވަނީ މޮޅު ޑިޒައިނަކާއި ގިނަ ދުވަހު ހިފަހައްޓާ ގޮތަށެވެ.

މިނީސޯ ހުޅުވި ފަހުން ޗައިނާ މާކެޓަށް ވިޔަފާރި ފުޅާކޮށްފައި ވަނީ 2013 ވަނަ އަހަރުގަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ދުނިޔޭގެ އެކި ގައުމުތަކުގައި މިނީސޯގެ 3900 ފިހާރަ ވަނީ ހުޅުވާފަ އެވެ. އެގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ރަޝިއާ، ޔޫއޭއީ އަދި ސިންގަޕޫރު ހިމެނެ އެވެ.

comment ކޮމެންޓް