އިއުތިރާފް އެއްބަސްވުމުގައި ސޮއިކުރީ ބޭސްފަރުވާ ހޯދަން އެ ނޫން ގޮތެއް ނެތިގެން: އަދީބު

އޭޕްރީލް 28، 2019: ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް އިއުތިރާފުވުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވީ އޭރު ބޭސްފަރުވާއަށް ދާން ބޭނުންވެފައި ހުރި ވަރުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. ޕީޖީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އިއުތިރާފުވުމުން އެ ހަތް މައްސަލައިގައި އޭނާގެ މައްޗަށް އެންމެ ގިނަވެގެން އަންނާނީ ޖުމްލަ ވިހި އަހަރުގެ ޖަލު ހުކުމެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އެ މައްސަލަތަކުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ، އޭނާ އިއުތިރާފު އެއްބަސްވުމުގައި ސޮއިކުރެއްވީ، ބޭސްފަރުވާ ބޭނުންވެގެން އެހެން ގޮތެއް ނެތިގެން ކަމަށެވެ.

"ސޮއި ކުރީ ބޭސްފަރުވާއަށް ދާން،"

މިއަދުގެ އަޑުއެހުުގައި ގާޒީ އިސްމާއިލް ރަޝީދު ވަނީ ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވައިފައެވެ ގާޒީ އިސްމާއިލް ރަޝީދު އެންމެ ފުރަތަމަ ސުވާލު ކުރެއްވީ އެ އިއުތިރާފު އެއްބަސްވުުން އެކުލަވާލީ ގާނޫނީ ކޮން އަސާސެއްގެ މައްޗަށްތޯއެވެ. ދައުލަތުން ބުނި ގޮތުގައި އެއްބަސްވުންތައް އެކުލަވާލީ އަދީބުގެ އިސްނެގުމުގެ މަތިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ބުނާ އިއުތިރާފު އެއްބަސްވުމަކަށް ވާސިިލުވުމަށް ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އޭނާއަށް ދައުވާ އުފުލާފައި ވަނީވެސް އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އަދީބު ވިދާޅުވީ، އެއްބަސްވުން ހެދި އިރު އޭނާ ހުންނެވީ ލޮލަށް ގްލޮކޯމާ ޖެހި ބޭސްފަރުވާއަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އަދި އޭރު އޭނާ ހުންނެވީ ބޭސްފަރުވާއަށް ބޭރަށް ވަޑައިނުގެންނެވިފައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެއްބަސްވުުމެއްގައި ސޮއިކޮށްފައި ބޭރަށް ވަޑައިގެންނެވޭނެ ކަމަށް ވިދާޅުވެ، އެއްބަސްވުމެއް ހަދަން ހުށަހެޅުއްވީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްއާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު ވެއްޖެ ތިން އަހަރު އެހެން އަޅުގަނޑު ބޭސްފަރުވާ ނުލިބި އޮންނަތާ. ލޮލަށް ދެން ވާނެ ގޮތެއް ނޭނގެ. އެހެންވެ އެ ބޭފުޅުން ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކޮށްފައި ދެވިދާނެއޭ ބޭސްފަރުވާއަށް. އެ ބޭފުޅުން އެކުލަވާލީ. އަޅުގަނޑަކީ އެކަހަލަ އެއްބަސްވުން އެކުލަވާލަން އެނގޭ މީހެއް ނޫން ދެއްތޯ،" އަދީބު ވިދާޅުވިއެވެ.

"އެ ބޭފުޅުން ދެންނެވީ އެގްރީމަންޓަކަށް ދާން، އެގްރީމަންޓެއް ހަދަން ޖެހެއޭ. އެ އެއްބަސްވުމުގައި ބައިވަރު ކަންތައްތައް ހިމަނައިދޭނަމޭ. އޭގެ ތެރޭގައި އަޅުގަނޑުގެ މެޑިކަލް ކަންތައްތައްވެސް ހިމެނި، ސޮއި ކުރާތާ ހަތް ދުވަސް ތެރޭ ފުރުވާލާ ގޮތަށް. އެހެންވެ މެޑިކަލް ކަންތައްތައްކަށް ޝަރުތުކޮށްފައި އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާ އަޅުގަނޑު އޭރު ދިޔައީ،"

އެއްބަސްވުމުގައި ސޮއި ކުރެއްވި އިރު ހުންނެވީ އެއްވެސް ހުކުމެއްގައިތޯވެސް ގާޒީ ސުވާލުކުރެއްވިއެވެ. އަދީބު ވިދާޅުވީ އޭނާ އޭރު ހުންނެވީ ސުޕްރީމް ކޯޓުގައި މާބިންހުރާ މައްސަލަ އޮތް އިރު އެ މައްސަލަ ނިމެންދެން ބަންދެއްގައި ކަމަށެވެ. ފުރަތަމަ އެގްރީމަންޓުގައި އޮތީވެސް ދެ ދައުވާ ކުރާ ކުރުމަށް ކަމަށާއި ނަމަވެސް، ފަހުން އިތުރު ދައުވާތައް ލައި، ބަދަލު ކުރީ ކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި ބޭސްފަރުވާއަށް ފޮނުވާލި އިރު ހަ މަސް ފަހުން އަނބުރާ ދައްކަން އަންނަން ޑޮކްޓަރު ބުނި ކަމަށާއި ނަމަވެސް، އެގޮތަށް އަނބުރާ ދައްކަން ދެވިފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ސޮއި ނުކުރި ނަމަ ބޭސްފަރުވާއަށް ނުދެވޭނެ،"

އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމުގައި އޭނާ ބޭސްފަރުވާއަށް ފޮނުވާލަން ޝަރުތުކޮށްފައިވާއިރު، މިއަދު ގާޒީ އިސްމާލް ރަޝީދު ދައުލަތާ ސުވާލުކުރެއްވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުގައި ހުރި މީހަކު ބޭސްފަރުވާއަށް ބޭރަށް ފޮނުވާލަން ޕީޖީ އޮފީހަށް ޝަރުތު ކުރެވޭނެތޯއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި އެފަދަ ޒިންމާތައް ކޮމިޝަނާ އޮފް ޕްރިޒަންއަށް ލިބިފައިވާކަންވެސް ގާޒީ ފާހަގަކުރެއްވިއެވެ.

ގާނޫނު އަސާސީގެ 223 ވަނަ މާއްދާއާ ހަވާލާދެއްވައި ދައުލަތުގެ ވަކީލު ފާހަގަކުރެއްވީ، ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި، ގާނޫނާއި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީވެސް ޕީޖީގެ ޒިންމާއެއް ކަމެވެ. އެހެންވެ، އަދީބަކީވެސް ޖިނާއީ މައްސަލައެއްގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އަދި ޖިނާއި މައްސަލަތަކެއްގައި ތުހުމަތުތަކެއް ކުރެވޭ މީހަކަށްވާއިރު، އަދީބަށް ގާނޫނުން ލިބިދޭ ހައްގުތަށް ކަށަވަރުކޮށްދިނުމަށް ޕީޖީއަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަން ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕީޖީއަށް ބާރު ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އަދީބު ބޭސްފަރުވާއަށް ފޮނުވާލަން ޝަރުތުކުރުމުގެ މާއްދާއެއް އެއްބަސްވުމުގައި ހިމެނުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވާހަކަތަކާ ބެހޭގޮތުން އަދީބު ވިދާޅުވަނީ ކީކޭތޯ ގާޒީ ސުވާލު ކުރެއްވުމުން، އަދީބު ވިދާޅުވީ، އޭނާއަށް ބޭސްފަރުވާ ނުދީ ދައުލަތުން އޭގެ ކުރިންވެސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައްސަލައެއް ކޯޓަށްވެސް ހުށަހެޅުއްވިކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، އޭނާ ބޭސްފަރުވާއަށް ފޮނުވީ އިއުތިރާފުވާން ޝަރުތުކޮށް ކަމަށާއި، އެ އެއްބަސްވުމުގައި ސޮއި ނުކުރި ނަމަ ބޭސްފަރުވާއަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ޕެރޯލްގެ ގާނޫނުން އަޅުގަނޑަށް ލިބެން ޖެހޭ ހައްގެއް އެކަމަކު، އެއަށް ޕްރޮސެކިއުޓާ ޖެނެރަލް ވަންނަވާ އޭގައި އްގްރީމަންޓެއް ހައްދަވާ، އެއަށް ކްލޯސްއެއް ލާފައި ތީނދީ އަޅުގަނޑަށް ޝަރުތުކޮށްފައި. ދެން އެެހެންވީމަ މާނައަކީ ތީގަ އޮތް ގޮތަށް ޑޮކްޓަރު ވިދާޅުވި ގޮތަށް ބޭސްފަރުވާއަށް ނުދެވޭނެ އަޅުގަނޑު ތީގައި ސޮއި ނުކުރި ނަމަ،" އަދީބު ވިދާޅުވިއެވެ.

މާބިންހުރާ މައްސަލައާ ގުޅޭ ސުވާލުތަކެއް

މިއަދުގެ ކްރިމިނަލް ކޯޓުގައި ގާޒީ އިސްމާއިލް ރަޝީދު ފާހަގަކުރެއްވީ، އަދީބުގެ ކުށުގެ އަމަލުގެ ތެރޭގައި މާބިންހުރާ މައްސަލައިގެ ވާގިއާތައްވެސް ހިމެނޭނެތީ، އެއް ކުށަކަށް ތަފާތު ދައުވާތައް ނުކުރުމާއި، އެއްފަހަރަށްވުރެ އިތުރަށް އަދަބު ނުދިނުމަށް އޮންނަ އުސޫލުތަކަށް ރިއާއަތްކޮށް ސުޕްރީމްކޯޓުގައި އޮތް މާބިންހުރާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ޕީޖީ އެއްބަސްވާ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމެވެ.

ގާޒީ ސުވާލު ކުރެއްވީ، މިހާރު އަދީބުގެ މައްޗަށް ދައުވާކޮށްފައިވާ ހަތް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި އިރު، ސުޕްރީމް ކޯޓުގައި އޮތް މާބިންހުރާ މައްސަލަ އޮތީ ނަގާފައިތޯ ނޫނީ އޭރުވެސް އެ މައްސަލަަ އެ ކޯޓުގައި އޮތްތޯއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓަށް އަދީބުގެ ހަތް މައްސަލަ ހުށަހެޅި އިރުވެސް، މާބިންހުރާގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި މާބިންހުރާއާ ބެހޭ ބައި ނުހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ފަހުން ސުޕްރީމް ކޯޓުގައި އޮތް މާބިންހުރާ މައްސަލަ ދައުލަތުން އަނބުރާ ގެނެސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ ތެރޭގައި މާބިންހުރާ މައްސަލައިގެ ވާގިއާތައްވެސް ހިމެނޭނެތީ، އެއް ކުށަކަށް ތަފާތު ދައުވާތައް ނުކުރުމާއި، އެއްފަހަރަށްވުރެ އިތުރަށް އަދަބު ނުދިނުމަށް އޮންނަ އުސޫލުތަކަށް ރިއާއަތްކޮށް ސުޕްރީމްކޯޓުގައި އޮތް މާބިންހުރާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް ޕީޖީއިން އެއްބަސްވުމުގައި ބުނެފައިވާއިރު، އެއް ވާގިއާއެއް ހިމެނޭ މައްސަލައެއް އެއް މަރުހަލާއެއްގެ ކޯޓުގައި ބޭއްވުމަށްފަހު އެހެން ކޯޓަކަށް އެ ބާވަތުގެ މައްސަލައެއް ހުށަހެޅުމަކީ ދައުލަތަށް ކުރެވޭނެ ކަމެއްތޯވެސް ގާޒީ އިސްމާއިލް ރަޝީދު ސުވާލުކުރެއްވިއެވެ.

ދައުލަތުން ފާހަގަ ކުރީ މިހާރުކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ހުރިހާ ރަށެއްގެ ލީސް އިކުއިޒިޝަން ފީއަށް ހިޔާނާތްތެރިވުމުގެ ކުށް އެއް ދައުވާއެއްގެ ގޮތުގައި ކަމެވެ. ނަމަވެސް، މީގެ ކުރިން ދައުވާކޮށްފައި ވަނީ ކޮންމެ ރަށަކަށް ވަކިންކަން އޭނާ ފާހަގަކޮށްފައިވެއެވެ. މާބިންހުރާގެ މައްސަލައަކީވެސް ހަމައެކަނި އެ ރަށުގެ ލީސް އިކުއިޒިޝަން ފީއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ވާގިއާގެ މައްސަލައެއްކަން އޭނާ ފާހަަގަކުރެއްވިއެވެ.

"ހިޔާނާތުގައި ބައިވެރިވުމުގެ ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ހުރިހާ ރަށެއް ފަޅެއް ކުއްޔަށް ދިނުމަށްފަހު ލިބުނު ލީސް އިކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާތީވެ އެ ހުރިހާ ރަށަކާ ގުޅޭ ލީސް އިކުއިޒިޝަންތަކާ މި ގުޅޭ މުއާމަލާތްތަކަށް ނުވަތަ އަމަލުތަކަށް ޖޮއިންޓް ދައުވާތަކެއް ދައުލަތުން އުފުލާފައި މިވަނީ. ވަކިވަކި ދައުވާތަކެއް ކުރުމުގެ ބަދަލުގައި. ޅ. މާބިންހުރާ އާ ގުޅިގެން އެ މުއާމަލާތާ ގުޅިގެން ވަކި ދައުވާއެއް ކުރެވިފައި މިވަނީ. އެހެންވީމަ އެ މާއްދާ އެގޮތަށް ދައުލަތުން ޑްރާފްޓްކޮށް ހިމަނާފައި މިވަނީ މި ދެންނެވި ގޮތަށް ހުރިހާ މުއާމަލާތްތައް އެކުލެވޭ ކަހަލަ ގޮތަކަށް ދައުވާތަކަށް ވާތީވެ އެގޮތަށް ހިމަނާފައި މިވަނީ،" ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން، އަދީބު ވިދާޅުވީ އެ އެއްބަސްވުން އެކުލަވާލީ އޭނާއަށް ގިނަ "އަނިޔާތަކެއް" ދީފައިވާ ބިޝާމް ކަމަށެވެ. ސުޕްރީމް ކޯޓުގައި އޮތް މައްސަލަވެސް ގެންދާނީ ދަށު ކޯޓުގައި އިއުތިރާފުވުމުން ކަމަށް ވިދާޅުވެ އެއްބަސްވުމުގައި އެކަން ހިމަނާފައިވާކަން އަދީބު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ މައްސަލަ ދައުލަތުން ނެގީވެސް، އެއް ވާގިއާއެއް ހިމެނޭ ދެ މައްސަލައެއް ދެ ކޯޓެއްގައި އޮތްކަން އޭނާ ސުޕްރީމް ކޯޓުގައި ފާހަގަކުރެއްވި ފަހުންކަން އަދީބު ވިދާޅުވިއެވެ.

"އެ ވާހަކަ އަޅުގަނޑު ސުޕްރީމް ކޯޓުގައި ފާހަގަކުރީމަ ސުޕްރީމް ކޯޓުން ދެންނެވި މި ގޮތަކަށް ޕާކްކޮށްފައި ނުބޭއްވޭނެއޭ މައްސަލަތަކެއް. މިގޮތަކަށް އެއް ވާގިއާއެއްގައި ހިމެނޭ މައްސަލަތަކެއް ދެ ކޯޓަކު ނުހިންގޭނެއޭ. މިގޮތަށް ސުޕްރީމް ކޯޓުން މުއްދަތެއް ދިނީ ނަގަންޏާ އަނބުރާ ނަގަން އެހެންނޫނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެ ކަމަށް. އެ ހިސާބުން ދައުލަތުން ނެގީ މައްސަލަ. ޕީޖީ ބިޝާމް އެ މައްސަލަ އޮތީމަކާ ނޫން ނަގައިދިނީ،" އަދީބު ވިދާޅުވިއެވެ.

ތަހުގީގާ ގުޅޭ ސުވާލެއް

އެކެއް ފެބްރުއަރީގެ އަމުރުގައިވާ ގޮތަށް، ސިޔާސީ އެކި ސަބަބުތަކާ ހުރެ ގާނޫނާ ހިލާފަށް ހިންގާފައިވާ ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށްކޮށްފައިވާ ދައުވާތަކާއި، ހުކުމްތަކެއް ހައިކޯޓާއި ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވާއިރު، ހަމަ އޭރު ތަހުގީގު ހިންގި އިރު އުޅުނު ފުލުހުން ފަހުން ހިންގި ތަހުގީގުގައިވެސް އުޅުނުކަން ފާހަގަކުރައްވައި ގާޒީ އިސްމާއިލް ރަޝީދު ސުވާލުކުރެއްވީ، އެއީ އެންމެ ރަނގަޅު ގޮތްތޯ ދައުލަތުން ގަބޫލުކުރާތޯއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އަދީބުގެ މައްޗަށް އަލުން ދައުވާ ކުރަން ޖެހޭނީ އަލުން ތަހުގީގު ކުރުމަށް ފަހު ކަމަށް އަންގާފައިވާއިރު، އެގޮތަށް ނިންމީ ފުލުހުންގެ މައްސަލައެއް އޮވެގެން ކަމަށް ބުނެފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން، ފަހުން ހިންގި ތަހުގީގަކީ ފުލުހުން އެކަނި ހިންގި ތަހުގީގެއް ނޫންކަންވެސް ވަކީލު ފާހަގަކުރެއްވިއެވެ. އެގޮތުން ފަހުން ހިންގި ތަހުގީގަކީ އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއާއި ފުލުހުން ގުޅިގެން ހިންގި ޖޮއިންޓް ތަހުގީގެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންކަމުން މިއީ، އެއްވެސް ނުފޫޒެއް އޮވެގެން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުގީގު ކުރާ އެއްވެސް ފުލުސް އޮފިސަރުންގެ ނުވަތަ އެ ނޫން ބައެއްގެވެސް އެފަދަ އެއްވެސް މައްސަލައެއް ހިމެނޭ ގޮތަށް ހިންގިފައިވާ ތަހުގީގެއް ކަމަށް ކަނޑައެޅޭނެ އެއްވެސް އަސާސެއް ނެތް ކަމަށް ދައުލަތުން ފާހަގަކުރަން،" ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އިއުތިރާފުވުމުގެ އެއްބަސްވުމާ އެއްގޮތަށް ޝަރީއަތުގައި އިއުތިރާފުވާނީތޯ ނުވަތަ އިއުތިރާފުން ރިޖޫއަވާނީތޯ އަދީބު ސާފުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދީބު ވިދާޅުވީ، އޭނާ ޖަވާބުދާރީ ވާނީ އިއުތިރާފު އެއްބަސްވުމާ ގުޅޭ އިޖުރާއީ ކަންކަމާ ގުޅޭގޮތުން ގާޒީ އިސްމާއިލް ރަޝީދު ގޮތެއް ނިންމެވުމުން ކަމަށެވެ.

"އިޖުރާއީ މައްސަލަތަކާއި މި އިބްތިދާއީ ނިމިގެން އަޅުގަނޑަށް ޖަވާބުދާރީ ވެވޭނީ، އެހެންވީމާ ފުރަތަަމަ އިޖުރާއީ ކަންތައްތަކަށް ގޮތެއް ނިންމައިދެއްވުން އެދެން،" އަދީބު ވިދާޅުވިއެވެ.

ގާޒީގެ ސުވާލުތަކަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލީއެވެ. އޭނާ ވިދާޅުވީ، ދެން މި މައްސަލަ ކުރިއަށްގެންދާނީ މިއަދު ދެކެވުނު ވާހަކަތަކަށް ބަލައި، އެއްބަސްވުމާ ގުޅޭ އިޖުރާއަތުތަކާ މެދު ގޮތެއް ނިންމުމަށް ފަހު އަންނަ އަންގާރަ ދުވަހު ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު