ކުޑަފަރިން މަނަދޫއަށް، މަނަދޫއިން މާލެއަށް ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނ. ކުޑަފަރި.

ނ. ކުޑަފަރިން މަނަދޫއަށް ގެނެސް އެރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުޑަފަރީ ކައުންސިލަރު މުހައްމަދު ރަމީޒު "ސަން" އަށް ވިދާޅުވި ގޮތުގައި އެ މީހާ މީގެ ދެ ދުވަހެއް ކުރިން އެންމެ ފުރަތަމަ ގެންދެވުނީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށެވެ.

"އެތަނުން މާލެ އަށް ގެންދިޔައީ. ދެން އެޗްޕީއޭއިން ވަނީ ޔަގީންކޮށްދީފައި ޕޮޒިޓިވްވިކަން. ގާތްގަނޑަކަށް ލަފާކުރެވޭ ގޮތުގައި އުމުރުން 80 އަށް ވުރެ މަތި ވާނެ އެ މީހާ،" ރަމީޒު ވިދާޅުވި އެވެ.

"އެއީ އަނެއްހެން ގެއިން ބޭރަށް ދާ ފަރާތެއް ނޫން. އަހަރެއް ވަރު ވެދާނެ، އުމުރުން ދުވަސްވުމުގެ ސަބަބުން ގެއިން ބޭރަށް ނުދާތާ،"

ނ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީގް "ސަން" އަށް ވިދާޅުވި ގޮތުގައި އެމީހާ މަނަދޫ ހޮސްޕިޓަލަށް ގެނެވުނީ ފައިކަށީގެ ރެނދު އަޅައިގެންނެވެ.

އެކަމަކު މަނަދޫ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުން އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްއާއި މަޝްވަރާ ކުރުމަށް ފަހު އެމީހާ މާލެ ފޮނުވާލާފައިވާކަމަށް ޝަފީގް ވިދާޅުވި އެވެ.

"ރޭ ދަންވަރު، ގާތްގަނޑަކަށް 23:30 ކަން ހާއިރު އެޗްޕީއޭއިން އަޅުގަނޑުމެންނަށް މައުލޫމާތު ދިނީ އެމީހާ ޕޮޒިޓިވްވިކަމަށް. މިހާރު އެކަމާއި ގުޅިގެން މަނަދޫ އާއި ކުޑަފަރީގައިވެސް ކޮންޓެކްޓް ޓްރޭސިންގް ހަދައި އެ މައުލޫމާތު ވާނީ އެޗްޕީއޭ އާ ހިއްސާ ކުރެވިފައި." ޝަފީގް ވިދާޅުވި އެވެ.

އެޗްޕީއޭގެ ފަރާތުން އެ ރަށުން އަދި ކުޑަފަރީއިންވެސް އެއްވެސް މީހަކު އެކަހެރި ކުރުމަށް އަންގާފައިނުވާއިރު، ކުޑަފަރިން ބަލިމީހާއާއި ކޮންޓެކްޓްވި ދެ މީހަކު އެބަ ތިއްބެވެ. އެ ދެ މީހުންނަކީ ޑޮކްޓަރަކާއި ނަރުހެއްކަމަށް ޝަފީގް ވިދާޅުވި އެވެ.

"ދެން މި ރަށުން 13 ވަރަކަށް މީހުންނާއި ދިމާވެފައިވޭ. ސީ އެމްބިއުލާންސްގެ ކުރޫއިންވެސް ހިމަނައިގެން 16 މީހުން. އެ އެންމެންނަށްވެސް ސަލާމަތީ ފިޔަވަޅެއް ގޮތުން ގެގައި މަޑުކުރަން ވަނީ އަންގާފައި. އެކަމަކު އަދި ރަސްމީކޮށް އެޗްޕީއޭއިން ވަކި ގޮތެއް އަންގާފައެއް ނުވޭ." ޝަފީގް ވިދާޅުވި އެވެ.

މަނަދޫއިން މީގެ ކުރިން ވަނީ 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެތަނުން 9 މީހުންނަކީ އެރަށުން މާލެ ގެނެވުނު އުމުރުން ދުވަސްވީ ބަލިމީހަކާއި ކޮންޓެކްޓްވި މީހުންނެވެ.

އެމީހާ ބަލިން ރަނގަޅުވުމަށްފަހު ސިއްހީ އެހެން މައްސަލަތަކެއްގައި ނިޔާވިއިރު އެެރަށުން ދެން ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވެ އެ ރަށް އާންމު ހާލަތަށްގެނެވުނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ.

comment ކޮމެންޓް