ފޯކައިދޫ ދޫކޮށް އޮގީ ގްރީންއަށް ބަދަލުވެއްޖެ

މިދިޔަ ސީޒަނުގައި ފޯކައިދޫއާއި ދަ ގްރާންޑޭ ކުޅުނު މެޗެއްގައި ފޯކައިދޫގެ ވައިސް ކެޕްޓަން އޮގީ ބޯޅަ ހިފައިގެން --- ފޮޓޯ/އެފްއޭއެމް

މިއަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ގައުމީ ލީގު ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މި ދިޔަ ސީޒަނުގައި ފޯކައިދޫ އެފްސީގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ) އެ ކްލަބު ދޫކޮށް ކްލަބް ގްރީން ސްޓްރީޓަށް ސޮއިކޮށްފިއެވެ.

މި އަަހަރު ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން ރޭވިފައި އޮތް ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ ތާރީހުގައި ފެށޭގޮތެއްނުވި އެވެ. ފަހުން މަސައްކަތްކުރީ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރުގައި ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އެކަމަކު އެ މުއްދަތުގައި ސީޒަން ފެށެން ނެތީ އޮކްޓޫބަރާއި ނޮވެމްބަރުގައި ގައުމީ ޓީމަށް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކެއް ހުރުމުންނާއި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ގައުމުން ބޭރަށް ދާން ޖެހޭތީ އެވެ.

މިހާރު އޮތްގޮތުން ސީޒަން ހުޅުވާ މެޗު ކުޅުމަށް ވަގުތީ ގޮތުން ވިސްނާފައިވާ ތާރީހަކީ ޑިސެމްބަރު މަހު އަށް ވަނަ ދުވަހެވެ.

ލީގަށް ތައްޔާރުވުމަށް ބައެއް ކުލަބުތަކުން މިހާރު މަސައްކަތް ފަށާފައިވާ އިރު ޓީސީ ސްޕޯޓްސް ކުލަބާއި މާޒިޔާއަށް އަދި މި ސީޒަން ނުނިމެ އެވެ. އެ ދެ ޓީމަށް އޭއެފްސީ ކަޕުގެ މެޗުތައް އޮތް ނަމަވެސް ޓީމުގެ ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވެފައިވާތީ އެ މެޗުތައް ފަށާއިރު ދެ ޓީމުގެ ސްކޮޑަށް ވެސް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މިދިޔަ ސީޒަނުގައި ފޯކައިދޫއާއި ދަ ގްރާންޑޭ ކުޅުނު މެޗެއްގައި ފޯކައިދޫގެ ވައިސް ކެޕްޓަން އޮގީ ބޯޅަ ހިފައިގެން --- ފޮޓޯ/އެފްއޭއެމް

މިދިޔަ ސީޒަނުގެ ފުރަތަމަ ކޮޅު މޮޅު ކުޅުމެއް ދެއްކި ގްރީން ސްޓްރީޓުން މިހާރު ލީގަށް ތައްޔާރުވުމުގެ ގޮތުން ސްކޮޑު ވަރުގަދަ ކުރަން ފަށާފައިވާ އިރު އެ ޓީމުން ވަނީ ފޯކައިދޫގެ ވައިސް ކެޕްޓަން މުހައްމަދު ޖައިލަމް (އޮގީ) ގެނެސްފަ އެވެ. އޮގީ ގްރީން އަށް ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ގައުމީ 23 އަހަރުން ދަށުގެ ޓީމުގައި ވެސް ހިމެނޭ އޮގީ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި ބީޖީ ސްޕޯޓްސް ކުލަބުންނެވެ. އެކަމަކު 2016 ވަނަ އަހަރު އެ ޓީމު ރެލިގޭޓް ވުމުން އޮގީ ވިކްޓަރީއަށް ބަދަލުވި އިރު އެ ސީޒަނުގެ މެދު ތެރެއިން އޭނާ ވަނީ ދެވަނަ ޑިވިޝަނުގައި ކުޅުމަށް އަލުން ބީޖީއަށް ބަދަލުވެފަ އެވެ.

އެއަށް ފަހު ޔޫތު ޗެމްޕިއަންޝިޕުގައި ކްލަބް އީގަލްސް އަށާއި މިިވަން ޗެމްޕިއަންޝިޕުގައި އއ. މާޅޮސް ފުޓުބޯޅަ ޓީމަށް ވެސް ކުޅުނު އޮގީ ފޯކައިދޫއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޕްރިމިއަރ ލީގަށެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ގައި ހޮވި 2018 ވަނަ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް އޮގީ ވަނީ ހާސިލްކޮށްފައެވެ.

މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭ ކޯޗުގެ މަގާމުގައި ހުރި އިސްމާއިލް މަހަފޫޒް (އިންމަ) ވެސް ވަނީ އިތުރު އެއް ސީޒަނުގައި އެ ޓީމުގައި މަޑުކުރަން ނިންމާފަ އެވެ.

ދަ ގްރާންޑޭ މިިދިޔަ ސީޒަނުގެ ލީގު ނިންމާލީ ފަސް ވަނައިގަ އޮވެ އެވެ. އެ ޓީމު ވަނީ ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފަ އެވެ. އަށް މެޗުން ބަލިވިއިރު، ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެފްއޭ ކަޕްގައި ދަ ގްރާންޑޭ ކުޅުނު މެޗުން ފޯކައިދޫ އަތުން މޮޅުވެފައިވަނިކޮށް އެ މުބާރާތް ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން އަވަހަށް ސީޒަން ނިންމާލަން އެފްއޭއެމުން ނިންމުމާ ގުޅިގެންނެވެ.

comment ކޮމެންޓް