ބާންލީއިން ލިވަޕޫލުގެ ރެކޯޑަށް ނިމުން ގެނެސްފި

ލިވަޕޫލާއި ބާންލީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެން --- ފޮޓޯ/ލައިވްސްކޯ

މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑު އެންފީލްޑްގައި ކުޅުނު ހުރިހާ މެޗަކުން މޮޅު ވަމުން އައުމުގެ ސިލްސިލާއަށް ބާންލީއިން ނިމުން ގެނެސްފި އެވެ.

ޗެމްޕިއަން ލިވަޕޫލްގެ އެންފީލްޑުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެން ކަމުން ލިވަޕޫލަށް މިހާރު ވަނީ އަމިއްލަ ދަނޑުގައި ސަތޭކަ އިންސައްތަ ރެކޯޑް ހަމަކޮށްގެން ލީގު ނިންމާލުމުގެ ފުރުސަތު ގެއްލިފަ އެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު އެއް ވަނައިގައި ލިވަޕޫލް އޮތީ 35 މެޗުން 93 ޕޮއިންޓާ އެކު އެވެ. ރަށުންބޭރުގައި ބާންލީ އަތުން 5-0 އިން މޮޅުވެ ސިޓީ ދެ ވަނައިގައި އޮތީ 35 މެޗުން 72 ޕޮއިންްޓް ހޯދައިގެންނެވެ.

އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި އެއް ސީޒަނެއްގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ޓީމުގެ ރެކޯޑް އޮތީ ސަންޑަލޭންޑް އަތުގަ އެވެ. އެޓީމުން ވަނީ 92-1991 ސީޒަނުގައި ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 13 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. މި ރެކޯޑް މުގުރާލުމަށް އަމާޒު ކަނޑައަޅައިގެން ކުޅުނު ލިވަޕޫލަށް ރޭގެ މެޗުން އެއްވަރުވުމުން ފުރުސަތުު ގެއްލުނު އިރު ހޯމް ސްޓޭޑިއަމުގައި ލިވަޕޫލު އަތުން އެންމެ ފަހުން ތިން ޕޮއިންޓް ގެއްލުނީ ޖަނަވަރީ 2019 ގައި ލެސްޓާ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

އަނެއްކޮޅުން ރޭގެ މެޗުގައި ކަންތައް ވީގޮތުން ޕްރިމިއާ ލީގްގައި 100 ޕޮއިންޓް ހޯދައިގެން 2017-18 ގައި މެންޗެސްޓާ ސިޓީން ހެދި ރެކޯޑް މުގުރާލުމަށް ވެސް ލިވަޕޫލަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

ލިވަޕޫލަށް މި މެޗުގައި ލީޑުނަގައިދިނީ ސްކޮޓްލެންޑްގެ ވާތުބެކް އެންޑީ ރޮބަޓްސަން އެވެ. ލިވަޕޫލުން އެ މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި އިރު ބާންލީ ގޯލުގައި ހުރި އިނގިރޭސި ކީޕަރު ނިކް ޕޯޕް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ. އެ މެޗުން ބާންލީ ހޯދި ޕޮއިންޓް ހޯދުމަށް ނިކް ޕޯޕް ކުރި މަސައްކަތުގެ ނަތީޖާއަކަށް ވީ ދެ ވަނަ ހާފުގައި ޖޭ ރޮޑްރިގޭޒް ޖެހި ގޯލުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެ މެޗުގައި ލިވަޕޫލުން މަދުވެގެން ތިން ގޯލު ޖަހަން ޖެހޭނެ ކަމަށެވެ. އަދި ރެފްރީގެ ފަރާތުން ގިނަ ނިންމުންތަކެއް ލިވަޕޫލާ ދެކޮޅަށް ނިންމިކަން ކްލޮޕް ފާހަގަ ކުރި އިރު އިދިކޮޅު ގޯލުގައި ހުރި ނިކް ޕޯޕްއަށް އޭނާ ވަނީ ތައުރީފް ކޮށްފަ އެވެ.

comment ކޮމެންޓް