މެސީގެ ތާރީހީ ރެކޯޑާ އެކު ބާސެލޯނާ ފަރަގު ކުޑަކޮށްފި

ރޭ ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް ވަލެޑޮލިޑް ބައްދަލު ކުރި މެޗްގެ ތެރެއިން --- ފޮޓޯ/ލައިވްސްކޯ

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ރެއާލް ވަޔަޑޮލިޑް ބައްދަލު ކުރި މެޗުގައި ޖެހި ހަމައެކަނި ގޯލު އާޓޫރޯ ވިޑާލް ކާމިޔާބު ކުރުމަށް ކޮށްދިން އެސިސްޓާ އެކު ލިއޮނެލް މެސީ އަނެއްކާވެސް ތާރީހީ ރެކޯޑެއް ގާއިމު ކޮށްފި އެވެ.

ރޭ ރަށުން ބޭރުގައި ކުޅުނު އެ މެޗުން ވަޔަޑޮއިޑްގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސެލޯނާ ވަނީ އެއް މެޗު އިތުރަށް ކުޅެ މިވަގުތު އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ. ބާސެލޯނާ އަށް 36 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް ވަނީ 35 މެޗު ކުޅެގެން 80 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި ބާކީ އޮތް ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ރެއާލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ. ރެއާލުން މާދަމާ ރޭ ގްރަނަޑާއާ ދެކޮޅަށް ނިކުންނާނެއެވެ.

ލީގުގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޓައިޓަލް ރޭހުގެ އުންމީދު ދެމެހެއްޓުމަށް ބާސެލޯނާއަށް ރޭގެ މެޗަކީ މުހިއްމު މެޗެކެވެ. އެ މެޗު ފަށައިގެން 15 ވަނަ މިނަޓުގައި ބާސެލޯނާއަށް ޗިލީގެ މިޑްފީލްޑަރު ވީދާލް ވަނީ ލީޑު ނަގައިދީފަ އެވެ. އޭގެ އިރަކޮޅެއް ފަހުން އޭރިއާ ތެރެއިން މުޅިން ހުސް ފުރުސަތެއް އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު އެންޓޮއިން ގްރީޒްމަން ވަނީ ނަގާލައިފަ އެވެ.

އެއަށްފަހު ދެން ފެނުނީ ވަޔަޑޮއިޑްގެ ފަރާތުން ކުރިއަށް ކުޅޭ ބޯޅަތައް އިތުރުކޮށް ހަމަލާތައް އުފެއްދި ތަނެވެ. އެގޮތުން ވަޔޮޑޮލިޑުން ވަނީ ދެ ފަހަރެއްގެ މަތިން ބާސާގެ ކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަން ގެ ގޯލަށް ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލައިފަ އެވެ.

ރޭގެ މެޗުގައި ހެދި އެސިސްޓާ އެކު މެސީ ވެފައިވަނީ ސްޕެނިޝް ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި 20 ގޯލު ޖަހައި 20 ގޯލު ޖަހަން މަގުފަހިކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އެއް ސީޒަނެއްގައި މީގެކުރިން މެސީގެ މި ރެކޯޑް ގާއިމްކޮށްފައިވަނީ އާސެނަލްގެ އިންވިންސިބަލް ޓީމުގައި ހިމެނުނު ފްރާންސްގެ ފޯވާޑް ތިއެރީ އޮންރީ އެވެ. އޮންރީ ވަނީ 03-2002 ސީޒަނުގައި އާސެނަލަށް ކުޅުނު 37 މެޗުގައި 24 ގޯލު ޖަހައި 20 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. އޮންރީގެ ރެކޯޑާ މެސީ ހަމަކުރީ 31 މެޗުންނެވެ. އަނެއްކޮޅުން މެސީ ވެފައިވަނީ 09-2008 ސީޒަނަށް ފަހު ސްޕެނިޝް ލީގުގައި 20 އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މެސީގެ ފަރާތުން ރޭގެ މެޗުގައި އެސިސްޓެއް ފެނުނު ނަމަވެސް އޭނާގެ ފަރާތުން އެހެން މެޗުތަކުގައި ނުފެންނަ ވަރުބަލިކަން ވަނީ އެ މެޗުގައި ފާހަގަ ކުރެވޭ ވަރަށް ފެނިފަ އެވެ. ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ ކޮވިޑާ ގުޅިގެން ލީގު މެދުކަނޑާލުމަށްފަހު އަލުން އަނބުރާ ފަށައިގެން ކުޅުނު ހުރިހާ މެޗެއްގައި މެސީ ފުލްކޮށް ކުޅުމުން އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. އަދި އޭނާއަށް ކުރިއަށް އޮތް މެޗުތަކުގައި ރެެސްޓް ދޭނެ ކަމަށް ސެޓިއެން ބުންޏެވެ.

comment ކޮމެންޓް