ނަންބަރުތައް އިތުރުވަމުންދާނަމަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ: ޑރ. އަލީ ލަތީފް

ޖޫން 18، 2020: ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއެށް މާލޭއިން ފެނުމާގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުން ކުރުމާށްފަހު ދެ މަސް ދުވަސް ފަހުން ބޮޑު ލުއިތަކެއް ދިނުމާއެކު ކުޑަކުދިންނަށް ބޭރަށް ނިކުމެ އުފާކުރުން: ކުޑަ ކުދިންނަށް ބޭރަށް ނިކުމެވޭނެ ވަގުތަކީ ހަވީރު 4:00 - 6:00 އަަށް - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ކޭސްތައް އިތުރުވެގެންދާނަމަ ހާލަތު ގޯސްވެ، ބައެއް ތަންތަން ބަންދުކޮށް ނުވަތަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުއިދިންއިރު ބެލި މިންގަނޑުތަކެއް ހުންނާނެ ކަމަށާއި އަލުން ލޮކްޑައުންއަކަށް ދާނީ ވެސް އެ މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށެވެ.

"އޭގެ ތެރޭގައި ފުރަތަމަ މިންގަނޑަކީ ފްލޫ ކްލިނިކުން ޕޮޒިޓިވްވާ އަދަދު. ދެވަނަ މިންގަނޑަކީ ނިޔާވާ މީހުންގެ އަދަދު. ތިންވަނަ މިންގަނޑަކީ ޑަބްލިން ޓައިމް [އެއް ދުވަހުން އަނެއް ދުވަހަށް ކޭސްތައް އިތުރުވާ މިންވަރު]. އޭގެ އިތުރުން އިންޑިޕެންޑެންޓް ކޭސްތައް [އެއްވެސް ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް]، ދެން ހޮސްޕިޓަލުގެ ކިތައް އެނދުތޯ [އެޑްމިޓްކުރަން] ބޭނުންކުރަމުންދަނީ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވާނަމަ ހޮސްޕިޓަލުގެ އެނދުތައް ފުދޭވަރަކަށް މީހުން ގިނަވެގެން އެޑްމިޓްކޮށްގެން ގާތްގަނޑަކަށް 80 ޕަސެންޓާ ހިސާބަށް ގޮސްފިނަމަ އޭގެ މާނައަކީ މާލެ ތެރޭގައި ބަލި ވަރަށް ބޮޑަށް ފެތުރިގެން ލޮކްޑައުންއާ ހިސާބަށް ދާން ޖެހިދާނޭ،"

ކޮވިޑް19 އާ ގުޅުން ހުރި މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. އަލީ ލަތީފު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ޑރ. އަލީ ލަތީފް ވިދާޅުވީ ފްލޫ ކްލިނިކުން ނަގާ ސާމްޕަލްތަކުގެ ތެރެއިން މިހާރު ޕޮޒިޓިވްވާ ސާމްޕަލްތަކުގެ މިންވަރު ހުރީ ފަސް ޕަސެންޓަށްވުރެ ދަށުގައި ކަމަށެވެ. ނަމަވެސް އެ އަދަދު ގާތްގަނޑަކަށް 20 ޕަސެންޓާ ހަމައަށް އަރައިފިނަމަ އެކަމުން ދޭހަވަނީ މާލޭގައި ވަރަށް ބޮޑަށް ބަލި ފެތުރި، ވަރަށް ގިނަ ކަންކަން ބަދަލުކުރަން ޖެހޭކަން ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ މިގޮތަށް ބަލާ މިންގަނޑުތައް ބަހާލާފައި އޮންނަނީ ތިން ސްޓޭޖަކަށް ކަމަށެވެ. އަދި ބަލާ ބައެއް ކަންކަން މިހާރު ހުރީ ސްޓޭޖް އެކަކަށްވުރެ ދަށުގައި ކަމަށާއި އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. ނަމަވެސް ބައެއް ކަންކަން ގޯސްވަމުންދާ ކަމުގެ އިޝާރާތެއް ޑރ. އަލީ ވަނީ ދެއްވާފަ އެވެ.

"އަނެއް ބައި އިންޑިކޭޓާސް، މިސާލަކަށް އަންލިންކްޑް ކޭސްތައް [ކްލަސްޓާއަކީ ނުގުޅޭ ކޭސްތައް] ފުދޭވަރަކަށް ގިނަވަމުން އެބަދޭ. ކްލަސްޓާއަކީ ނުގުޅޭނަމަ އޭގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި ބަލި އިތުރަށް ފެތުރިގެންދަނީއޭ،" ޑރ. އަލީ ވިދާޅުވި އެވެ.

މި ކަންކަމަކީ ކޮންމެ ހަފުތާއަކު ވެސް ބަލަމުންދާ ކަންތައްތައް ކަމަށާއި ހާލަތު ގޯސްވާނަމަ ވަކިވަކި ތަންތަން ވެސް ބަންދުކުރަން ޖެހިދާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"ކްރައިޓީރިއާތަކަށް ބަލާފައި ވަކި ހިސާބަކަށް ދާނަމަ ޖެހޭނީ ބައެއް ތަންތަން ބަންދުކުރަން. އޮފީސްތަކާއި ފިހާރަތައް ބަންދުކުރުން ފަދަ ކަންކަން ކުރަން ޖެހޭނީ. އެކަމަކު މިވަގުތު އިރާދަކުރެއްވިއްޔާ ހުރީ ރަނގަޅަށް. އެހެން ނަމަވެސް މިގޮތަށް ކޭސްތައް އިތުރުވެގެންދާނަމަ ގޯސްވެގެން ގޮސްދާނެ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

މިއަދު ހަވީރު 6:00އާ ހަމައަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި 47 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 43 މީހުންނަކީ ދިވެހިންނެވެ. ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދުތަކަކީ:

  • ޖުލައި 11، 2020: 47 މީހުން
  • ޖުލައި 10، 2020: 64 މީހުން
  • ޖުލައި 9، 2020: 36 މީހުން
  • ޖުލައި 8، 2020: 16 މީހުން
  • ޖުލައި 7، 2020: 10 މީހުން
  • ޖުލައި 6، 2020: 23 މީހުން
  • ޖުލައި 5، 2020: 33 މީހުން

މި ނަންބަރުތަކާއެކު ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދު 2،664 އަށް ވަނީ އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 368 އެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 2،268 މީހުން ރަނގަޅުވެފައިވާއިރު، މި ބަލީގައި 13 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް