24 ގަޑިއިރުތެރޭ 47 މީހުން ޕޮޒިޓިވްވެއްޖެ، މީގެ ތެރެއިން 43 މީހުންނަކީ ދިވެހިން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެގެ 18:00 ން މިއަދުގެ 18:00 އާއި ހަމަޔަށް 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މިހުންގެ ތެރެއިން 43 މީހުންނަކީ ދިވެހީންނެވެ. ބާކީ ތިބި މީހުންގެ ތެރެއިން ތިން މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި އޭގެ އިތުރުން އިންޑިޔާ މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި 47 މީހުންނާއިއެކު މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،664 އަށް އަރައިފަ އެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 30 މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. މިއާއިއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 2،268 އެވެ.

އެކްޓިވް ކޭސް ނުވަތަ މިވަގުތު ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި ތިބީ 368 މީހުންނެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 97 މީހުން ތިބިއިރު އިތުރު 330 މީހަކު މިވަގުތުު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 60،217 ސާމްޕަލްއެއް މިހާތަނަށް ނަގައިފައެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނަގަން ޖެހުނު ސާމްޕަލް ވެސް ހިމެނެ އެވެ.

ކޮވިޑް-19ގައި ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު މަރުވެފައެވެ.

ފާއިތުވެދިޔަ ހަތް ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް:

  • ޖުލައި 11، 2020: 47 މީހުން
  • ޖުލައި 10، 2020: 64 މީހުން
  • ޖުލައި 9، 2020: 36 މީހުން
  • ޖުލައި 8، 2020: 16 މީހުން
  • ޖުލައި 7، 2020: 10 މީހުން
  • ޖުލައި 6، 2020: 23 މީހުން
  • ޖުލައި 5، 2020: 33 މީހުން

ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވަނީ މާޗް 7 ވަނަ ދުވަހު އެވެ. އެއާއިއެކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވުނީ މާޗް 12 ވަނަ ދުވަހު އެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ.

އެ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރިއިރު ފުރަބަންދަށް ލުއިދޭން ފަށާފައިވަނީ ޖޫން މަސް ތެރެއިންނެވެ. މިހާތަނަށް ފުރަބަންދަށް އެންމެ ބޮޑެތި ލުއިތަކެއް ދެވިފައިވަނީ ޖުލައި 1 ވަނަ ދުވަހުއެވެ.

މި ލުއިތަކާއިއެކު ސްކޫލް، ޖިމް އަދި ކެފޭ ރެސްޓޯރެންޓްތައް އަލުން ހުޅުވި އާންމުންނަށް ބޭރުތެރޭގައި އުޅުމުގެ ހުއްދަ ވަނީ ދެވިފަ އެވެ.

comment ކޮމެންޓް