ބިހާރުގެ މަގަކަށް ސުޝާންތުގެ ނަން ދީފި

ސުޝާންތު ސިންހް ރާޖްޕުތް----

މިދިޔަ މަހު މަރުވި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ ހަނދާނުގައި އޭނާގެ އުފަން އަވަށް ބިހާރުގެ ޕުރްނިއާގެ މަގަކަށް އޭނާގެ ނަން ދީފި އެވެ.

ސުޝާންތުގެ މަރާއެކު އޭނާގެ ފޭނުން ހިތާމަފާޅުކުރަމުން އަންނައިރު ފޭނުން އަންނަނީ ސުޝާންތަށް އެކި ގޮތްގޮތުން ޓްރިބިއުޓް ދެމުންނެވެ.

ބަތަލު ސުޝާންތު މަރުވީ އަމިއްލައަށް ކަމަށް މުމްބާއި ފުލުހުން ރިޕޯޓްކުރި ނަމަވެސް އާންމުންގެ ގިނަ ބައެއްގެ އިތުރުން ގިނަ ޕޮލިޓިކަލް އެނަލިސްޓުން އަންނަނީ އޭނާ މަރާލީ ކަމަށް ބުނަމުންނެވެ. އަދި މަރުގެ ތަހުގީގު ސީބީއައިން ކުރުމަށްވެސް ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.

ސުޝާންތުގެ ނަމުގައި އޭނާގެ އާއިލާއިން ފައުންޑޭޝަނެއް އުފައްދަން ވަނީ ނިންމާފައެވެ. އެސްއެސްއާރްއެފްގެ ނަމުން ނަންދޭ އެ ފައުންޑޭޝަންގެ މައިގަނޑު މަގްސަދަކީ ސުޝާންތު ޝައުގުވެރިކަން ހުރި ތިން ދާއިރާ ކަމަށްވާ ސައިންސް، ސިނަމާ އަދި ކުޅިވަރުގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ދިނުމެވެ.

އެކްޓަރު ސުޝާންތު ކުޅުނު އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" މި މަހު 24 ގައި ހޮޓްސްޓާއިން ދައްކާނެއެވެ.

comment ކޮމެންޓް