ޖާބިރަށް މަރުގެ އިންޒާރު ލިބެމުންދާތީ އަޑީ ދައުލަތުގެ ހަގީގަތް ހޯދަން މަޖިލީޙަށް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: އަޑީ ދައުލަތުގެ ހަގީގަތް ހޯދަން އޭނާ ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި --- ފައިލް ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ބުނެ 'އަޑީދައުލަތުގެ' ހަގީގަތް ހޯދުމަށް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޖާބިރު ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ 'އަޑީ ދައުލަތު'ގެ ބާރު ރާއްޖޭގައި ވަކިހިތްޕަމުންދާ ކަމަށެވެ.

އެގޮތުން، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުން ވެސް 'އަޑީ ދައުލަތުގެ' ބިރުވެރިކަން ވަޒަންކުރެވިފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފަ އެވެ.

"އަދި މިހާރު ވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ 20 މެންބަރުންނަށް މި ދަންނަވާ 'އަޑީ ދައުލަތުން' ދަނީ ލާދީނީ ފިކުރުގެ ބައެއް ކަމުގެ އިލްޒާމު އަޅުވައި މަރުގެ އިންޒާރު ދެމުންނެވެ. ހުދު އަޅުގަނޑަށް ވެސް އަންނަނީ މަރުގެ އިންޒާރު ލިބެމުންނެވެ،" ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

އެހެންކަމުން ގާނޫނު އަސާސީ ނަގަހައްޓައި ދިވެހި ދައުލަތް ނޫން އެހެން ދައުލަތެއް މި ރާއްޖޭގައި އޮތުމަކީ ގާނޫނު އަސާސީގެ އަސްލާ ޚިލާފްވާ ކަމަކަށް ވާތީ އެ މައްސަލަ ހައްލުކުރުމަށްޓަކައި 'އަޑީ ދައުލަތީ' ކޮަބައިކަން ދެނެގަނެ އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގެ އިސްވެ ހަރަކާތްތެރިވަނީ ކޮންބައެއްތޯ ބެލުމަށް ކުއްލި މައްސަލަ ހުށަހަޅާ ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް