11 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ އަނީސްއަށް ދައުވާ އުފުލައިފި

11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މާލޭގެ ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕަބްލިކް ޕްރޮސިކިއުޓަރ އަހްމަދު ޝަފީއު ވިދާޅުވީ އެމައްސަލައާ ގުޅިގެން އަނީސްގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށެވެ.

އަނީސްއަށް އުފުލާފައިވާ ދައުވާތައް

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ. (އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)

އެ ދައުވާ އުފުލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުންނެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ. (އަދަބު: 10 އަހަރުގެ ޖަލު ހުކުމެއް)

އެ ދައުވާ އުފުލާފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުންނެވެ.

ގްރޫމްކުރުމުގެ މާނައަކީ ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމެވެ.

އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ. (އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށްލުން)
އެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުންނެވެ.

މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ.

އަނީސް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

comment ކޮމެންޓް