ޓްރަމްޕްގެ ކުރީގެ މުޝީރު ރޮޖާ ސްޓޯންގެ ހުކުމް ލުއިކޮށްފި

ޓްރަމްޕްގެ ގާތް އެކުވެރިޔާ ރޮޖާ ސްޓޯންގެ ހުކުމް ވަނީ ލުއިކޮށްފަ --- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖުލައި 11): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް އެކުވެރިޔާ އަދި ކުރީގެ މުޝީރު ރޮޖާ ސްޓޯންގެ މައްޗަށް ކުރި ޖަލު ހުކުމް ރައީސް ލުއިކޮށްދެއްވައިފި އެވެ.

ސްޓޯންއަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޓްރަމްޕްގެ ކެމްޕެއިނުން ރަޝިއާއާ އެކު މަސައްކަތް ކުރިތޯ ބެލުމަށް ކުރިއަށްގެންދިޔަ ތަހުގީގު ތެރޭ، ކޮންގްރެސްއަށް ދޮގު ހަދާ، ހެކިވެރިންނަށް ނުފޫޒު ފޯރުވާ، އެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރުމުގެ ދައުވާގައި ތިން އަހަރާއި ހަތަރު މަހަށް ޖަލަށް ލާން ހުކުމް ކުރި މީހެކެވެ.

ސްޓޯން އަންނަ އަންގާރަ ދުވަހު ހުކުމް ތަންފީޒު ކުރަން ފަށަން ހަމަޖެހިފައި ވަނިކޮށް، ވައިޓް ހައުސްއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ސްޓޯންއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ "ވާތު ފިޔައިގެ މީހުންނާއި އެމީހުންނާ ގުޅުން ހުރި މީޑިއާތަކުން ފަތުރާ ރަޝިއާއާ ބެހޭ އޮޅުވާލުމުގެ" ސަބަބުންނެވެ.

"[ރަޝިއާގެ] މައްސަލައިގައި އެހެން ގިނަ މީހުންނާ މެދު އަމަލު ކުރި ގޮތަށް، ރޮޖާ ސްޓޯންއާ މެދުވެސް އަމަލުކޮށްފައި ވަނީ ހަމަހަމަ ގޮތަކަށް ނޫން. ރޮޖާ ސްޓޯން އަކީ މިހާރު މިނިވަން މީހެއް،" ވައިޓް ހައުސްއިން ނެރުނު ބަޔާނުގައިވެ އެވެ.

ރައީސް ޓްރަމްޕް، ސްޓޯންގެ ހުކުމް ލުއި ކޮށްދެއްވުމުން އޭނާ ދެން ޖަލު ހުކުމް ތަންފީޒު ކުރަން ނުޖެހޭނެ އެވެ. ނަމަވެސް އޭނާގެ ހުކުމް ރައީސް މާފުކޮށްދެއްވާފައި ނުވާތީ، އޭނާގެ މައްޗަށް ސާބިތުވި ދައުވާތައް ދެމި އޮންނާނެ އެވެ.

ސްޓޯންގެ ހުކުމް ލުއި ކުރަން ޓްރަމްޕް ނިންމެވުމާ ގުޅިގެން، ރައީސަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެ ސަރުކާރުން ރައީސާއި ރައީސްގެ އެކުވެރިން ރައްކާތެރިކުރުމަށް އިންސާފަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކޮންގްރެސްގެ ތިރީގޭގެ އިންޓެލިޖެންސް ކޮމިޓީގައި ޗެއާމަންކަން ކުރައްވާ އެޑަމް ޝިފް ވަނީ އެގައުމުގައި އޮންނަނީ އިންސާފުގެ ދެ ނިޒާމެއްކަން މިހާރު އެނގިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މި ނިންމުމާއެކު ޓްރަމްޕް އެބަ ސާފުކޮށްދެއްވާ، އެމެރިކާގައި އޮންނަނީ ދެ ޖަސްޓިސް ސިސްޓަމެއްކަން: އެއީ [ޓްރަމްޕްގެ] ކުށް ކުރާ އެކުވެރިންނަށް އެއް ނިޒާމު އަދި އެހެން މީހުންނަށް އެއް ނިޒާމު،" ޝިފް ވިދާޅުވި އެވެ.

ސްޓޯން ދަނީ 1970ގެ އަހަރުތަކުން ފެށިގެން ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާ އެކު މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ވަނީ 2000 ވަނަ އަހަރު ޓްރަމްޕް ރައީސް ކަމަށް ވާދަ ކުރެއްވި އިރު ކެމްޕެއިންގައި ބައިވެރިވެފަ އެވެ.

މީގެ އިތުރުން ސްޓޯންއާ ބެހޭ ގޮތުން ހަދާފައިވާ ނެޓްފްލިކްސް ޑޮކިއުމެންޓްރީއެއްގައިވާ ގޮތުން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރުމަށް ޓްރަމްޕަށް އޭނާ ހިތްވަރު ދިނެވެ.

comment ކޮމެންޓް