ބޮޑަށް އުދައަރާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި

ގދ. ނަޑެއްލާއަށް އިއްޔެ އުދަ އަރައި ރަށު ތެރޭގައި ފެންބޮޑުވެފައި -- ފޮޓޯ/ ކައުންސިލް ރައީސް

ރާއްޖޭގެ ރަށްތަކަށް މިއަދު ބޮޑަށް އުދަ އަރާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.

ޔެލޯ އެލާޓަކީ ދެވަނަ ދަރަޖައިގެ އެލާޓެކެވެ. އެ އެލާޓު ނެރޭނީ ހުދު އެލާޓުގައި އުދަ އަރާ ވަރަށް ވުރެ ބޮޑަށް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީއެވެ.

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓު ނެރެފައި ވަނީ މިއަދު 15:00 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.

އެހެންކަމުން މާލެ ސިޓީ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ. ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް މި ގަޑިތަކުގައި އުދަ އެރުން އެކަށީގެންވެއެވެ.

މެޓް އޮފީހުން މިއަދު ވަނީ ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. ރާޅު އަރާފާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފައި ވަނީ 14:30 ން 18:00 އަށެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓަ ދެމެދުގައި ކަމަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

މިއަދު ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ.

comment ކޮމެންޓް