މޮބައިލް ހިދުމަތުގައި ޖެންޑާ ގެޕް ކުޑަކުރާ ޕްރޮޖެކްޓެއްގައި އުރީދޫއިން ބައިވެރިވެއްޖެ

މާޗް 3، 2020: އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޮބައިލް އަދި ޑިޖިޓަލް ހިދުމަތް ލިބިގަތުމުގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުކޮށްދީ، ޖެންޑާ ގެޕް ކުޑަކުރާ ޕްރޮޖެކްޓެއްގައި އުރީދޫ މޯލްޑިވްސްއިން ބައިވެރިވެއްޖެ އެވެ.

މި ޕްރޮޖެކްޓަކީ ދުނިޔޭގެ މޮބައިލް ނެޓްވޯކް އޮޕަރޭޓަރުން ހިމެނޭ ޖަމިއްޔާ، ގްލޯބަލް ސިސްޓަމް ފޮ މޮބައިލް ކޮމިއުނިކޭޝަންސް އެސޯސިއޭޝަން (ޖީއެސްއެމްއޭ)އިން ހިންގާ ޕްރޮޖެކްޓެކެވެ.

މިއީ އުރީދޫ މޯލްޑިވްސްއިން މި ޕްރޮޖެކްޓުގައި ބައިވެރިވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެކުންފުނިން ވަނީ 2016 އިން ފެށިގެން 2020އާ ހަމައަށް ވެސް މި ޕްރޮޖެކްޓުގައި ބައިވެރިވެފަ އެވެ.

އުރީދޫއިން މިފަހަރު މި ޕްރޮޖެކްޓުގެ އެއްބަސްވުން އާކޮށްފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. އުރީދޫ މޯލްޑިވްސް ހިމެނޭ ގޮތަށް ޖުމުލަ 12 ކުންފުންޏަކުން 2023ގެ ނިޔަލަށް އެ ޕްރޮޖެކްޓުގައި ވަނީ ބައިވެރިވެފަ އެވެ.

ޖީއެސްއެމްއޭއިން ބުނީ ޑިޖިޓަލް ހިދުމަތްތަކުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ކުޑަ ކަމަށެވެ. އެގޮތުން ދަށް ނުވަތަ މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކުގައި މޮބައިލް ފޯނު ބޭނުންކުރާ ފިރިހެނުންނަށް ވުރެ ނިސްބަތުން ބަލާއިރު އަންހެނުން އަދަދު 80 ޕަސެންޓު ދަށް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މޮބައިލް އަދި ޑިޖިޓަލް ހިދުމަތްތަކުގައި ޖެންޑާ ގެޕް ކުޑަ ކުރެވިއްޖެ ނަމަ، އެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ދަށް ނުވަތަ މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތައް ހިމެނޭ މާކެޓުތަކުގެ އާމްދަނީއަށް 12-37 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް ޖީއެސްއެމްއޭއިން ލަފާކުރެ އެވެ. އަދި އޭޝިއާ މާކެޓުގެ އޮޕަރޭޓަރުންގެ އާމްދަނީ 11-54 ޕަސެންޓުގެ އިތުރު ކުރެވޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް