ސަފާރީ މައްސަލަ ރިޕޯޓު ކުރި ގޮތް ބަލަން އެކުލަވާލި އެމްއެމްސީގެ ކޮމިޓީގެ މެމްބަރުން އިސްތިއުފާ ދެއްވައިފި

އިސްތިއުފާ ދެއްވި މީޑިއާ ކައުންސިލް މެމްބަރުން (ކ-ވ): އަޒްމީ، ނާއިފު، ޔާމިން

ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި، މީޑިއާތަކުން ރިޕޯޓު ކުރި ގޮތް ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެކުލަވާލި ތިން މެމްބަރުންގެ ކޮމިޓީގެ ބޭފުޅުން އިސްތިއުފާ ދެއްވައިފިއެވެ.

އެ ކޮމިޓީގައި ހިމެނޭ އެމްއެމްސީގެ ތިން މެންބަރުން ކަމަށްވާ އަޒްމީ އަލީ (މުގައްރިރު) އަހުމަދު ނާއިފް އަދި މުހައްމަދު ޔާމީން އިބްރާހިމް ކޮމިޓީއިން އިސްތިއުފާ ދެއްވީ ކޮމިޓީގެ ނިންމުމަށް އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ބުނެއެވެ.

ކޮމިޓީގެ މުގައްރިރު އަޒްމީ އަލީގެ ސިޓީގައި ފޮނުވި ސިޓީގައި ބުނެފައި ވަނީ، ކޮމިޓީއަށް ނުފޫޒު ފޯރުވައި، ކޮމިޓީގެ ނިންމުން ބަދަލުކުރަން ކައުންސިލުގެ ރައީސް މަސައްކަތް ކުރި ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި މީޑީއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ، އަޒްމީއާއި މައްސަލަ ބަލާ ކޮމިޓީގައި ހިމެނޭ އެހެން މެމްބަރެއްގެ ގޯސް ވާހަކަ ދެން ހުންނެވި މެމްބަރު ގާތުގައި ދެއްކިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އަޒްމީގެ ސިޓީގައިވެއެވެ. އަޒްމީގެ ސިޓީގައި ވަނީ އެއީ ކޮމިޓީގެ އެއް މެމްބަރަކު އަނެއް މެމްބަރާ ދެމެދު މައްސަލަ ޖައްސަން ހިދާޔަތުﷲ ކުރެއްވި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ.

ސަފާރީ މައްސަލައާ ގުޅިގެން ރާއްޖޭގެ ބައެއް ނޫސްތަކުން އެ ހަބަރު ގެނެސްދިން ގޮތާ ގުޅިގެން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފަިއވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން މީގެ ކުރިން ވަނީ ބުނެފައެވެ. އެ ކޮމިޓީއިން އެހެން ބުނި އިރު، ސަފާރީ މައްސަލައިގައި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހަކާއި މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކާ ގުޅުން އޮންނަ ކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.

މިނިވަން މުއައްސަސާ ކޮމިޓީއިން އެ ކަންބޮޑުވުންތައް ފާޅުކޮށްފައި އޮއްވާ، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މިމަހުގެ އެއް ވަނަ ދުވަހު ސޮއިކުރައްވައި މީޑިއާ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިމަހުގެ އަށް ވަަނަ ދުވަހުގެ ކުރިން މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ގަވާއިދުގައި ހިމެނުމަށް އަންގަވައިފައެވެ. އެ ގަވައިދާ ހިލާފުވާ މީޑިއާތަށް 2،000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ވާހަކަ ދެކެވިފައެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ނޫސްތަކުގެ އެޑިޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އެ އަމަލު ސިފަ ކުރީ މީޑިއާތަކަށް ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައެވެ.

comment ކޮމެންޓް