އައްޑޫ ސިޓީގެ މަރަދޫއަށް އުދަ އަރަނީ

ޖުލައި 10، 2020: އައްޑޫ ސިޓީ މަރަދޫގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަނީ. -- (ފޮޓޯ/ޓްވިޓާ)

އައްޑޫ ސިޓީގެ މަރަދޫގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަމުން އެބަ ދެއެވެ.

އައްޑު ސިޓީގެ ޑެޕިއުޓީ މޭޔަރ މުހަންމަދު ޔަސްރިފު ސަންއަށް ވިދާޅުވީ ރޭގެ ފަތިހުގެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫގެ ތިން ސަރަހައްދަކުން އުދަ އެރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ކުންޏާއެކު މަގުމައްޗަށް ލޮނުގަނޑު އަރާފައިވަނީ. މީހުން އުޅޭ ސަރަހައްދުތަކަށް ފުއްޓަރު ފަރާތުން އުދަ އެރިކަމަށް މައުލޫމާތު ލިބިފައިވަނީ." ޔަސްރިފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެއްވެސް މީހަކަށް އަދި މުދަލަކަށް މިކަމުގެ ސަބަބުން ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ. އަދި މިހާރު ފެންގަނޑު ހިންދުމުގެ މަސައްކަތް ފަށާފައިވާކަމަށް ޔަސްރިފް ވިދާޅުވިއެވެ.

މި ހަފްތާތެރޭގައި ހިތަދޫގެ އުތުރުގެ ބައެއް ސަރަހައްދުތަކަށްވެސް އުދަ އެރިކަމުގެ މައުލޫމާތު ލިބުނުކަމަށް ޔަސްރިފް ވިދާޅުވިއެވެ.

"އެއީ އައްޑޫގެ ނޭޗާރ ޕާކް ހުންނަ ސަރަހައްދު. އެ ސަރަހައްދަށްވެސް ލޮނުގަނޑު ފޯރިކަމުގެ މައުލޫމާތު ލިބުނު." ޔަސްރިފު ވިދާޅުވިއެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގަޮތުގައި އުދައަރަމުން ދަނީ މަރަދޫގެ ފަތާ ޓްރެކް އޮންނަ ސަރަހައްދަށެވެ.

މެޓް އޮފީހުން ވަނީ ދެކުނު އިންޑިޔާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކެއްގެ ސަބަބުން ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރެ ސަރަހައްދުތަކަށް ކުރިޔަށް އޮތް ދެ ތިން ދުވަހު އުދަ އަރާފާނެކަމަށް މިއަދު ބުނެފައެވެ.

މެޓް އޮފީހުން ވަނީ މި ސަރަހައްދުތަކުގައި މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރިކަމަށްވެސް ވިސްނުން މުހިންމު ކަމަށް ބުނެފައެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އެރުމުގެ ހާދިސާތަކާއި ވަނީ ކުރިމަތިވެފައެވެ. މީގެ ތެރެއިން އުދަ އެރި ބައެއް ރަށްތަކުގައިވަނީ ތަނބިކައްޓާއި ހަމަޔަށް ފެންބޮޑުވެފައެވެ.

comment ކޮމެންޓް