ސޯލްގެ މޭޔަރު ގެއްލިގެން ހޯދަމުން ދަނިކޮށް އަވަހާރަވެފައި އޮއްވާ ފެނިއްޖެ

ސޯލްގެ މޭޔަރު ޕާކް ވޮން ސޫން -- ފޮޓޯ: ރޮއިޓާސް

ސޯލް (ޖުލައި 10): ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މޭޔަރު ޕާކް ވޮން ސޫން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ އަވަހާރަވެފައި އޮއްވާ ފެނިއްޖެ އެވެ.

އުމުރުން 64 އަހަރުގެ ޕާކް ހޯދަން ފެށީ އޭނާ ގެއްލިފައިވާކަން އޭނާގެ ދަރިފުޅު އިއްޔެ ހަވީރު ފުލުހުންނަށް އެންގުމުންނެވެ. އަދި ޕާކްގެ ފޯން ސިގްނަލް އެންމެ ފަހުން ލިބުނު ސަރަހައްދަކީ ސޯލްގެ އުތުރުގައި އޮންނަ ފަރުބަދަމަތީ ސަރަހައްދެއް ކަމުން، އެ ސަރަހައްދު ހޯދުމުގައި 600 ފުލުހުންނާއި ފަޔާ ފައިޓަރުން ބައިވެރިވި އިރު، ޑްރޯން އާއި ކުއްތާ ވެސް ބޭނުން ކުރި އެވެ.

ޕާކްގެ ހަށިގަނޑު ފެނުނީ އޭނާ ހޯދަން ފެށިތާ ހަތް ގަޑި އިރު ފަހުންނެވެ. އަދި އޭނާގެ ހަށިގަނޑު އޮތް ތަނާ ކައިރިން އޭނާ އެދުވަހު ގެންދިޔަ ތަކެތިވެސް ފެނުނު ކަމަށާއި އެއީ ޖިނާއީ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ޕާކް މަރުވި ގޮތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ސޯލް މެޓްރޯޕޮލިޓަން ޕޮލިސް އޭޖެންސީގެ ކްރައިމް ޑިޕާޓްމެންޓްގެ އޮފިޝަލެއް ކަމަށްވާ ޗޮއި އިކް ސޫ ވިދާޅުވި ގޮތުގައި މިދިޔަ ބުދަ ދުވަހު ޕާކްއާ ދެކޮޅަށް ފުލުހުންނަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެއީ ޕާކް އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެކެވެ.

މީގެ އިތުރުން ޕާކް ލިޔުއްވި ކަމަށް ބުނާ ނޯޓެއް ވަނީ އާއްމުވެފައި އެވެ. އެ ނޯޓުގައި އޭނާ ވަނީ އެންމެން އޭނާއަށް މާފުކޮށް ދިނުމަށް އެދިފަ އެެވެ. އަދި އޭނާގެ ހަޔާތުގައި އޭނާއާ އެއްކޮށް ތިބި އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

ޕާކް ވަނީ ފުރަތަމަ ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެންޖީއޯއެއް ކަމަށްވާ ޕީޕަލްސް ސޮލިޑާރިޓީ ފޯ ޕާޓިސިޕޭޓަރީ ޑިމޮކްރެޓައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ގިނަ އަހަރުތަކެއް ހޭދަ ކުރެއްވި އެވެ.

އަދި 2011 ވަނަ އަހަރު އޭނާ މޭޔަރު ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު އޭނާ ޑިމޮކްރެޓިކް ޔުނައިޓެޑް ޕާޓީއާ ގުޅިވަޑައިގަތެވެ. އަދި އޭގެ ފަހުން އޭނާ ވަނީ 2014 އާއި 2018އިގަވެސް މޭޔަރު ކަމަށް އިންތިހާބުވެފަ އެވެ.

ދެކުނު ކޮރެއާގެ ދެވަނައަށް އެންމެ ބާރުގަދަ މަގާމު ކަމަށް ބެލެވޭ ސޯލްގެ މޭޔަރު ކަމުގައި ހުންނެވި ޕާކް އަކީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކަށް ބައެއް މީހުންގެ ތާއިދު އޮތް ފަރާތެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް