ލުއި ދިނުމުން ނިއު ނޯމަލް ކަން ހަނދާން ނެތިއްޖެ: ޑރ. އަފްޒަލް

ޑރ. އިބްރާހިމް އަފްޒަލް: ލުއި ދިނުމުން ނިއު ނޯމަލް ކަން ހަނދާން ނެތިއްޖެ ކަމަށް ޑރ ވަނީ ވިދާޅުވެފައި -- ފައިލް ފޮޓޯ/އެންއީއޯސީ

ކޮވިޑް-19ގެ ބަލި މީހަކު މާލެ އިން ފެނި ގިނަ ދުވަސްތަކެއް ވަންދެން ލޮކްޑައުންގައި ބާއްވައި މީހުން ބޭރަށް ނިކުތުން މަނާކޮށްފައި ބޭއްވުމަށް ފަހު 'ނިއު ނޯމަލް' އެއްގައި އުޅުމަށް ދޫކޮށްލި ނަމަވެސް ގިނަ ބަޔަކަށް އެކަން ހަނދާން ނެތިއްޖެ ކަަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މާލޭ ސަރަހައްދުން ކޮވިޑް-19ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 15ގަ އެވެ. އޭގެ ދެ މަސް ފަހުން މިހާރު ވަނީ ބޮޑު ލުއިތަކެއްދީ ވިޔަފާރީތަކާއި ކެފޭތައް އަަދި މިސްކިތްތައް ވެސް ހުޅުވާލާފަ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިހާުރު ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސްތައް އިތުރުވަމުންދާ ކަމަށާއި އެގޮތުން އެކެއްގެ ކޮންޓްކެޓްސް 30 އާއި 70 އާއި ދެމެދު އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ހަރަކާތްތައް މިހާރު ލުއި ދިނީމާ ވަރަށް ގިނަ ބަޔަކު އެކަން އެބަ ހަނދާން ނެތޭ. މިހާރު އަނެއްކާ ވެސް އިހު އޮތް ގޮތަށް ދިޔައީ ކަމަށް ހިތައި އެބޭފުޅުންގެ ހަރަކާތްތަކުން ފެންނަނީ އެއްވެސް ވަރަކަށް ބަލާލުމެއްނެތި އުޅޭ ތަން. އެހެންވީމާ އެހެން ދާން ފަށާފައި ނަމަ މިފަދަ މަންޒަރުތައް ފެންނާނެ. މިހާރު އަޅުގަނޑުމެންގެ ކޮންޓެކްޓްސްތައް މިދަނީ އިތުރުވަމުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެހެން ކަމުން މި ހާލަތުގައި ވެސް ބޭރުތެރެއަށް ނިކުންނަން ޖެހޭނީ ޒަރޫރީ ހާލަތެއް އޮވެގެން ކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ. އަދި ބޭރުތެރޭގައި އުޅޭ އުޅުމުގަޔާއި އެހެން މީހުންނާއި ބައްދަލުވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހުރުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ ފުލޫ ކްލިނިކަށް ދިއުމަށް ނޫން ގޮތަށް ބޭރަށް ނިކުމެގެން ނުވާނެ ކަމަށެވެ.

"މިހާރު ގޭގޭގައި ތިބޭން ވަރަށް ގިނައިން ކަރަންޓީންގައި ތިބޭ ފަރާތްތައް. ކަރަންޓީނުގައި ތިބޭ މީހުނަށް ވިޒިޓް ނުކުރުން އެއީ ވަރަށް މުހިންމު ކަމެއް. އެގޮތަށް ވިޒިޓް ކުރިކަން އެބަހުރި ފާހަގަކުރެވިފައި ބައެއް ކޭސްތަކުގައި. އޭނޭ ޕޮޒިޓިވްވީމަ ބިރުން މި ބުނަނީ ކަރަންޓީނުގައި ހުއްޓައި އޭނަ ކައިރިއަށް ދެވުނޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

comment ކޮމެންޓް