އުވާނުލެވި ގިނަދުވަސްވެފައި ހުރި 4924 ކުންފުންޏެއް އުވާލައިފި

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް: --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ 4924 ކުންފުންޏެއް އުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިތައް އުވާލީ ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ.

އެ ކުންފުނިތައް އުވާލީ ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަކުރުމަށްފަހުގައި ކަމަށް ވެސް ބުންޏެވެ.

އުވާލި ކުންފުނިތަކުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ އާންމުކޮށް ޝާއިއުކޮށްފަ އެވެ.

ކުންފުނިތައް އާންމުކޮށް އުވާލަނީ އަހަރީ ފީ ނުދެއްކުންފަދަ މައްސަލަަތަކާ ގުޅިގެންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރުން ކުންފުނީގެ ގާނޫނަށް ގެނައި އިސްލާހާ އެކު، އެކި ސަބަބުތަކާ ހުރެ 1970 ވަނަ އަހަރުން ފެށިގެން އުވާނުލެވި ގިނަ ދުވަސްތަކެއް ވެފައި ހުރި 5،000 އެއްހާ ކުންފުނި އުވާލެވިފައިވާ ކަމަށެވެ.

"މިކަމަކީ 10،000 ވަރަކަށް އާންމުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީމަހު ވެސް 35 ވިޔަފާރިއެއް ވަނީ އަހަރީ ފީ ނުދައްކައިގެން އުވާލާނެކަން އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް