ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 36 މީހުން، ބަލިން ރަނގަޅުވީ 47 މީހުން

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިއްޔެ 18:00 ން މިރޭގެ 18:00 އާ ހަމަޔަށް އިތުރު 36 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 2،553 އަށް އަރައިފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި، ދެ ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހެކެވެ.

މިއަދު އިތުރު 47 މީހަކު ބަލިން ރަނގަޅުވެފައިކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 2227 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި މިހާރު ފަރުވާދެވެމުންް އަންނަނީ 306 މީހަކަށެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 97 މީހަކު ތިބި އިރު 283 މީހަކު މިވަގުތު އައިސޮލޭޝަންގައި އެބަ ތިއްބެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް މި ބައްޔަށް ޓެސްޓުކުރުމުގެ ގޮތުން 59،530 ސާމްޕަލް ނަގައިފައެވެ. މީގެ ތެރޭގައި ތަކުރާރުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެއެވެ.

ތޭރަ މީހަކު ވަނީ މި ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައެވެ.

އިއްޔެ މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 16 މީހެކެވެ. އޭގެ ކުރީ ދުވަހު ޕޮޒިޓިވްވެފައިވަނީ 10 މީހުންނެވެ.

comment ކޮމެންޓް