ސަފާރީ ކޭސްއާ ގުޅިގެން ޗެނަލް13ގެ މައްސަލައެއް ބަލަން މަޖިލީހުން އަންގައިފި

ބްރޮޑްކޮމްގެ މެންބަރުން: ޗެނަލް13 އިން ގެނައިސްދިން ރިޕޯޓަކާ ގުޅިގެން އެ މައްސަލަ ބެލުމަށް މަޖިލީހުން ބްރޯޑްކޮމްއަށް ވަނީ އަންގާފައި ---

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ޗެނަލް13 އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެން އެ ޓީވީ ސްޓޭޝަންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގައިފި އެވެ.

އެ މައްސަލަ ބަލަމުންދާ ކަމަށް ބްރޯޑްކޮމް އިން އިއްޔެ ވަނީ ޗެނަލް13 އަށް އަންގައިފަ އެވެ. އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ބެލުމަށް ސިޓީއަކުން ވަނީ ބްރޯޑްކޮމަށް އަންގައިފަ އެވެ.

ބްރޯޑްކޮމް އިން ޗެނަލް13 އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ރިޕޯޓެއް އެއްވެސް އުނިއިތުރެއް ގެނައުމަކާއި ނުލައި ޗެނަލް 13 އިން ބްރޯޑްކާސްޓްކޮށްފައި ވާތީ، އެ ރިޕޯޓް އެ ސްޓޭޝަނުން ގެނެސްދީފައި ވަނީ އެއީ ސައްހަ ރިޕޯޓެއް ކަން ކަށަވަރު ކޮށްގެންކަން ބަލައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ.

މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ގަވާއިދުގައި ހިމެނުމަށް މަޖިލީހުގެ އިދާރާއިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މައްޗަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް