ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރު ހައްސާންވެސް މަގާމުން ވަކިކޮށްފި

ހައްސާން -- ފޮޓޯ: ފޭސްބުކް

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކޮށްފިއެވެ.

ހައްސާން މަގާމުން ވަކިކޮށްފައި މިވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައިގެ އަމަލުތަކެއް ކުރީގެ މިނިސްޓަރު އަލީ ވަހީދު ހިންގަވާފައިވާ ކަމުގެ ޝަކުވާ އިއްޔެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން، އޭނާ މިއަދު މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު "ސަން"އަށް ވިދާޅުވީ ހައްސާން ވަކިކުރީ މިނިސްޓަރު އަލީ ވަހީދުވެސް ވަކިކުރި މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކުރީގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރުކަމުގައި ހުންނެވި ހައްސާން މިއަދު "ސަން"އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރިކަމުގެ ލިޔުން ލިބިފައިވާ ކަމަށާއި، ނަމަވެސް އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ހައްސާން ވިދާޅުވީ އޭނާއަށް "އެނގިގެން އޮފީސްތެރޭ އެފަދަ ކަމެއް ނުހިނގާ" ކަމަށެވެ.

މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރުމުގެ ކުރިން އޭނާ އިސްތިއުފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެންގެވިއެވެ. ނަމަވެސް އޭނާ އިސްތިއުފާ ނުދެއްވައެވެ. ރޭ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަގުތު ޖެހުމުން ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމަށެވެ.

މިނިސްޓްރީގެ މުވައްޒަފުން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ހިއްސާކުރެއްވި ވާހަކަތަކުގެ ތެރޭގައި އަލީ ވަހީދު ގިނަ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރައްވާތާ ދުވަސްތަކެއް ވެއްޖެ ކަމާއި ފުރަބަންދުތެރޭގައި ކަންކަން ހައްދުން ނައްޓައިގެން ދިޔަ ވާހަކަތައް ހިމެނެއެވެ.

"އަލީ ވަހީދު ވަނީ މިނިސްޓްރީގެ ގިނަ މުވައްޒަފުންނަށް ޖިންސީ ގޯނާއާއި ފުރައްސާރަކޮށްފައި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މިނިސްޓްރީގެ މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނީ، މިނިސްޓްރުގެ ދަތުރުތަކުގައި އަންހެން މުވައްޒަފުން ބައިވެރިކުރުވާ ރިސޯޓުތަކަށް ގެންސްގޮސް ވެސް އަލީ ވަހީދު ތަކުރާރުކޮށް މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރާ ކަމަށެވެ.

ޖިންސީ ގޯނާއާއި ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކަކާއެކު އަލީ ވަހީދު މަގާމުން ވަކިކުރިއިރު، އޭނާކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާކަމަށް ބެލެވޭ މީހަކާ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ގޮތަކަށް ވާހަކަ ދައްކާ އަޑު އިވޭ ފޯނުކޯލް ރިކޯޑިންއެއްވެސް އާންމުވިއެވެ.

މިއަހަރު ކުރީކޮޅު އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ ފޯނުކޯލް ރިކޯޑިން އެއް ވަނީ ލީކްވެފަ އެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާާއާ ވާހަކަ ދައްކާ އަޑު އިވެ އެވެ. އެ ރިކޯޑިން އާންމުވުމާ ގުޅިގެންވެސް އަލީ ވަހީދުގެ އިސްތިއުފާއަށް އަންމުން ގޮވި އިރު، އެ މައްސަލައިގައި ސަރުކާރަށްވެސް ފާޑުކިޔުން އަމާޒުވިއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މިނިސްޓަރު ރައީސް އޮފީހަށް ހާޒިރުކޮށް ވަނީ ނަސޭހަތް ދީފަ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވެއްޖެ ނަމަ، ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާކަން އެނގިފައިވެ އެވެ.

comment ކޮމެންޓް