މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުން އަންގައިފި

މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ގަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މައްޗަށް އަމުރުކޮށްފި އެވެ.

މަޖިލީހުން މީޑިއާ ކައުންސިލްގެ މައްޗަށް މިފަދައިން އަމުރެއް ކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު މަޖިލީހުގެ އަމީންއާންމު، ފާތިމަތު ނިއުޝާ ސޮއިކުރައްވައި، މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲއަށް ފޮނުއްވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި އަނިޔާ ލިބުނު ފަރާތުން ހިއްސާކޮށްފައިިވާ މައުލޫމާތުތަކެއް ކަމަށް ބުނެ ތަފާތު ގޮތްގޮތަށް "އެކިއެކި މީޑިއާތަކުން ހަބަރު ފަތުރަމުން ދިއުމުގެ ސަބަބުން އާންމުންގެ ތެރޭގައި ނުތަނަވަސްކަމާއި ނަފުރަތު އުފެދެމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާހަގަ ކުރާ" ކަމަށެވެ.

"އެހެންކަމުން، އިސްވެ ދެންނެވި މައްސަލައާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ފަތުރާފައިވާ ނަމަ، އެކަން ބައްލަވައި ދެއްވުމަށް އެ ކޮމިޓީން އެދިވަޑައިގަންނަވަ އެވެ،" މަޖިލީހުގެ އިދާރާ އިން ފޮނުވި ސިޓީގައި ބުންޏެވެ.

މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި މީޑިއާ ކައުންސިލުން ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އާމީންއާންމުގެ ސިޓީގައި ބުނެފައި ވަނީ އެ ބައްދަލުވުމުގައި، ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާ ނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުތަކުގެ ތެރޭގައި، އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން "މީޑިއާތަކުގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާމެދު އެ ގާނޫނުގެ މަތިން ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު އެކުލަވާލައި،" އިއްޔެ ހެނދުނު 10:00ގެ ކުރިން މަޖިލީހުގެ އިދާރާއަށް ފޮނުވައިދިނުމަށް ވެސް ކޮމިޓީން އެދިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ)ގެ އެއް ވަނަ ނަމްބަރުގައި ބުނެފައި ވަނީ ގާނޫނެއްގެ ދަށުން ހަދާފައިވާ ގަވައިދަކާ ހިލާފުވެއްޖެ ނަމަ 2000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެ ގާނޫނުން ލިބިގެންވާ ކަމަށެވެ.

މީޑިއާ ކައުސިލުގެ ގާނޫނުން އެއްވެސް މީޑިއާއެއް ޖޫރިމަނާ ކުރުމަށް އެ ކައުންސިލަށް ބާރުދީފައެއް ނުވެ އެވެ.

ސަފާރީގައި ކަން ހިނގި ގޮތުގެ މާބޮޑު ތަފްސީލެއް ފުލުހުން ދީފައި ނުވަނީސް، ޖިންސީ ގޯނާ ލިބުނު މީހާއާ ހަވާލާދީ "މެންދުުރު އޮންލައިން" ކިޔާ ނޫހަކުން ވަނީ އެ ހާދިސާ ހިނގި ގޮތް ކަމަށް ބުނެ ވަރަށް ތަފްސީލް ރިޕޯޓެއް އާންމުކޮށްފަ އެވެ. އެ ނޫހުން ބުނެފައި ވަނީ ސަފާރީގައި އަންހެން މީހާ ރޭޕްކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ބުނެފައި ވަނީ އެ ނޫހުން ރިޕޯޓުކޮށްފައި ވަނީ ކަން ހިނގި ގޮތަށް ނޫން ކަމަށެވެ. އަދި އަންހެން މީހާ ރޭޕް ނުކުރާ ކަމަށާއި އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލީ ކަމަށެވެ. އެ މައްސަލަ ފުލުހުން ބަލަމުން އަންން ކަމަށް ބުންޏެވެ.

ސަފާރީގައި އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ. ޖީހާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރެވެ.

އަންހެން މީހާގެ ފޮޓޯ އާއި މައުލޫމާތު ހާމަކޮށް، ދޮގު މައުލޫމާތުތަކެއް އާންމު ކުރި މީޑިއާއާ ދެކޮޅަށް ދައުވާކުރަން އެ އަންހެން މީހާ ބޭނުންވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް