އަންހެނުންނަށް ގޮނޑި ހާއްސަ ކުރީތީ ހުށަހެޅި މައްސަލަ ބަލައިގެންފި

އޮކްޓޯބަރު 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަށް ފިރިހެނުންނަށް ކުރިމަތިނުލެވޭތީ، އެ އިސްލާހު ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބަލައިގެންފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހާ އެކު ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް އިންތިހާބު ކުރެވޭ މެމްބަރުންގެ ތެރެއިން 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، ސިޓީ ކައުންސިލުތަކުގެ ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ.

އެއީ ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރެވޭ މަގާމަކަށް ކުރިމަތިލުމުގެ އަސާސީ ހައްގުން ފިރިހެނުން މަހުރޫމު ކުރުން ކަމަށާއި، އެހެންކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އެ އިސްހާލުތަކަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހުތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް އެ ދުސްތޫރީ މައްސަލަ ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. އޭނާ ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ އިސްލާހުތަކަކީ ގާނޫނު އަސާސީއާ ހިލާފު ބާތިލު އިސްލާހުތަކެއް ކަމަށް ކަނޑައެޅައިދިނުމަށެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ މައްސަލަ ބެލުމުގެ އިހްތިސާސް ފުރަތަމަ ލިބިގެން ވަނީ ހައިކޯޓަށް ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ހިލާފުތޯ ބެލުމުގެ ބާރު ސުޕްރީމް ކޯޓަށާއި ހައިކޯޓަށް ލިބިގެންވާ ނަމަވެސް، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ގާނޫނު އަސާސީއާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ހައިކޯޓަށް ކަމަށް ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ)އިން އެނގޭ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

comment ކޮމެންޓް