އޭޑީކޭއިން ފްރޮންޓްލައިންގައި މަސައްކަތްކުރާ 3000 މީހެއްގެ އެންޓިބޮޑީ ހަދައިދެނީ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 3000 މީހެއްގެ އެންޓިބޮޑީ ޓެސްޓު ހިލޭ ހަދައިދޭން އޭޑީކޭ އިން ނިންމައިފިައެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ ބުރަ މަސައްކަތުގެ ކުރީ ސަފުގައި މަސައްކަތްކުރާ އެތައް ބައެއް ބައްޔަށް ހުށަހެޅިފައި ތިބުމަކީ ގާތް ކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ ފަރާތްތައް ބައްޔަށް ހުށަހެޅިފައިވާކަން ދެނެގަންނަން ބޭނުންވާތީ، ކޮވިޑް19 އެންޓިބޮޑީ ޓެސްޓް ހަދައިދިނުމަށް އެދެމުންދާ ކަމަށް އޭޑީކޭ އިން ބުންޏެވެ.

އޭޑީކޭ އިން ބުނީ ކޮވިޑް19 އިން ރާއްޖެ ރައްކާތެރިކުރުމަށް ކުރީސަފުގައި މަސައްކަތްކުރާ މީހުންނާއި އެމީހުންގެ ގޭގައި ދިރިއުޅޭ މީހުން އަދި ޑެލިވަރީ ހިދުމަތުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ކޮވިޑް19 އެންޓިބޮޑީ ޓެސްޓު ހިލޭ ހަދައިދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން 3000 އެންޓި ބޮޑީ ޓެސްޓު ހަދައިދޭން ނިންމާފައިވާ ކަމަށާއި ޓެސްޓު ހަދާނީ ރޯޗް ކޯބާސް އެލެކްސިސް އީ411 އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑް19 އެންޓިބޮޑީ ޓެސްޓު ކުުރމުގެ މަސައްކަތުގައި ބޭނުންކުރާނެ އުސޫލުތައް ކަނޑައަޅާ އެކަމަށް އެކުލަވާލާ ތާވަލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަންނަ ހަފްތާގެ ތެރޭގައ ިޓެސްޓު ކުރަން ފެށޭނެ ކަމަށްވެސް އޭޑީކޭ އިން ބުންޏެވެ.

އޭޑީކޭ އިން ކޮވިޑް19 އަށް ޕީސީއާރު ޓެސްޓު ކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން އެންޓި ބޮޑީ ޓެސްޓް އަދި ރެޕިޑް ޓެސްޓުވެސް އެ ހޮސްޕިޓަލުން ހަދައެވެ.

comment ކޮމެންޓް