އެމެރިކާއިން އެކަނި ޕޮޒިޓިވްވި މީހުން ތިން މިލިއަނަށް

އެމެރިކާ އަލުން ހުޅުވާލުމާއެކު ގިނަ އަދަދެއްގެ މީހުން އެއްވެ -- ފޮޓޯ : އަލްޖަޒީރާ

އެމެރިކާއިން އެކަނިވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ތިން މިލިއަނުން މައްޗަށް އަރައިފި އެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ވައިރަސްގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ އެމެރިކާއިން މިދިޔަ އަންގާރަ ދުވަހުވެސް ވަނީ 50،000 ޕޮޒިޓިވް ކޭސް ފެނިފައެވެ. އެއާއެކު އެމެރިކާއިން ވައިރަސްއަށް ޕޮޒިޓިވް ކޭސްތައް ތިން މިލިއަނުން ފަހަނަ އަޅާގޮސްފައިވެއެވެ.

ވައިރަސް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީވެސް އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން އެކަނިވެސް ވައިރަސް ޖެހިގެން ވަނީ 131،000 މީހުން މަރުވެފައެވެ.

ސިއްހީ ދާއިރާގެ މާހިރުން ބުނާގޮތުގައި ކުރިއަށް އޮތް ތަނުގައި އެމެރިކާގެ އިތުރު ބައެއް ސްޓޭޓްތަކުންވެސް ޕޮޒިޓިވް ކޭސްތަކުގެ ސާޖް އެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކޭސްތައް ވަނީ 12 މިލިއަނަށް މިހާރު އަރާފައެވެ. އަދި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 548،000 އިން މައްޗަށް އަރާފައެވެ.

އެމެރިކާއާ ޖެހިގެން އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ބްރެޒިލް އިންނެވެ. ބްރެޒިލް އިން ކޮވިޑް-19 އަށް ޕޮޒިޓިވް 1.7 މިލިއަން ކޭސް ފެނިފައިވާއިރު 68،000 އަށްވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

ތިންވަނައަށް އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ވައިރަސްއަށް ޕޮޒިޓިވް ކޭސްތައް ވަނީ 742.000 އިން މައްޗަށް އަރާފައެވެ. އަދި އިންޑިއާއިން ވައިރަސް ޖެހިގެން މަރުވި މީހުން ވަނީ 20،000 އިން މައްޗަށް އަރާފައެވެ.

comment ކޮމެންޓް