ދެ ޖަލެއްގައި އައިލާ ބައްދަލުވުންތައް ދޭން ފަށައިފި

ކަރެކްޝަންސްގެ ޖަލެއްގައި އައިލީ ބައްދަލުވުމެއް ކުރިއަށް ދަނީ --- ފޮޓޯ/ ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަންސް ބެލުމުގެ ދަށުގައިވާ ދެ ޖަލެއްގައި އާއިލީ ބައްދަލުވުންތައް ދޭން ފަށައިފި އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ކަރެކްޝަންސްގެ ޖަލުތަކުގައި ގައިދިންނަށް އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް ދިނުން މެދުކަނޑާލީ، މިދިޔަ މާޗް މަސް ތެރޭގަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މިރޭ ކުރި ޓްވީޓެއްގައި ބުނީ، މާފުށީ ޖަލާއި، އައްސޭރި ޖަލުގައި އާއިލީ ބައްދަލުވުންތައް ދިނުމަށް މިއަދު ފަށައިފައިވާ ކަމަށެވެ.

"މިވަގުތު ކޮވިޑު ނެތް ރަށްރަށުގައި ދިރި އުޅޭ އާއިލާތަކަށް މިހާރު ޖަލުގައި ތިބި އާއިލީ މެންބަރުންނާއި ބައްދަލު ކުރެވޭނެ،"

އޭނާ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގައިދީންނަށް އަންނައުނު ވެސް އާއިލާތަކަށް ފޮނުވޭނެ ކަމަށެވެ.

ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ޖަލުގައި ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިހްތިރާމް ކުރެއްވުމަށް އަހްމަދު މުހައްމަދުފުޅު އިލްތިމާސް ކުރެއްވި އެވެ.

ކޮވިޑް19އާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުދޭން ފަށާފައިވާ ކަމަށް މިއަދު ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ އިދާރާގެ ހެޑް އޮފީސްވެސް ރަސްމީކޮށް ހުޅުވުމާއެކު، އިދާރާގެ ރިސެޕްޝަނުން ދެމުން އަންނަ ހިދުމަތައް ދޭން ފަށާފައިވާ ކަމަށް ބަޔާނުގައި ބުނެފައެވެ.

https://sun.mv/139712

comment ކޮމެންޓް