ކޮވިޑް-19އިން ރަނގަޅުވުމުންވެސް އަލާމާތްތައް ފެންނަމުންދޭ: ކުއެސްޓް

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިނގިރޭސި ނޫސްވެރިޔާ ރިޗާޑް ކުއެސްޓް ބަލިން ރަނގަޅުވުމުންވެސް ބަލީގެ އަލާމާތްތައް ފެންނަ ކަމަށް އޭނާ ބުނި -- ފޮޓޯ: ސީޖީޓީއެން

ވޮޝިންޓަން (ޖުލައި 8): ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިނގިރޭސި ނޫސްވެރިޔާ ރިޗާޑް ކުއެސްޓް ބަލިން ރަނގަޅުވުމުންވެސް، ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަމަށް އޭނާ ބުނެފި އެވެ.

ސީއެންއެން ހެލްތުގައި ކުއެސްޓް ޝާއިއު ކުރި ލިޔުމެއްގައިވާ ގޮތުން އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ އޭޕްރިލް މަހުގެ މެދުތެރޭގަ އެވެ. އަދި ބަލީގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ވަރުބަލިވެ، ކެއްސަން ފެށި އެވެ.

ކުއެސްޓްގެ ކެއްސުން އޭނާ ސިފަކޮށްފައި ވަނީ ހިކި ކެއްސުމެއްގެ ގޮތުގަ އެވެ. އަދި ކެއްސާ އިރު "ވީޒް"ވާ ގޮތްވެ، މެޔަށް ތަދުވާ ގޮތްވެ އެވެ.

"މި ވައިރަހަކީ ނަގޫރޯޅިއެއް ފަދަ އެއްޗެއް. އެ [ނަގޫރޯޅި] އެރުމުން ހަށިގަނޑުގެ ވަށައިގެން އެނބުރި، މައްސަލަތައް މެދުވެރިކޮށް، އޮޅުންބޮޅުން އަރުވާ، ކެއްސާ، ވައިރަސް ވާސިލުވާ ކޮންމެ ގުނަވަނަކަށް ގެއްލުން ކުރޭ. ބައެއް މީހުންގެ ފުރާނަ އޭގެއިން ސަލާމަތެއް ނުވާނެ. އަދި ސަލާމަތްވާ މީހުން ލިބިފައިވާ ގެއްލުންތައް ފަހުން ބަލާލުމުން، ކުރިން ހީކުރި ވަރަށް ވުރެ [ގެއްލުންތައް] ބޮޑުކަން އެނގޭ،" ކުއެސްޓްގެ ލިޔުމުގައިވެ އެވެ.

ކުއެސްޓް ބުނި ގޮތުގައި އޭނާ ވަނީ ފަހުން ކޮރޯނާވައިރަސް ޓެސްޓަށް ނެގެޓިވްވެ، އެންޓިބޮޑީ ޓެސްޓަށް ޕޮޒިޓިވްވެފަ އެވެ. އަދި ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހޭ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އޭނާއަށް އަނެއްކާވެސް ބަލި ޖެހިފައިވާ ހެން ބައެއް ފަހަރު ހީވާ ކަމަށް ބުނެފަ އެވެ. އެގޮތުން ކޮވިޑް-19 ޖެހުނު އިރު ކެއްސި ގޮތަށް އޭނާ އަނެއްކާވެސް ކެއްސަން ފަށާފައިވާ ކަމަށާއި ވަރުބަލިކަން އިހުސާސުވާ ކަމަށް ކުއެސްޓް ބުންޏެވެ.

މީގެ އިތުރުން އެހެން ބައެއް ބަދަލުތައްވެސް ފާހަގަ ކުރެވެން ފަށާފައިވާ ކަމަށާއި ހަޖަމުގެ ނިޒާމަށާއި ކާން ބޭނުންވާ މިންވަރަށް އައިސްފައިވާ ބަދަލުތައް ހިމެނޭ ކަމަށް ކުއެސްޓް ބުންޏެވެ. އަދި ކުރިއާ އަޅާ ބަލާއިރު އޭނާގެ ހަރަކާތްތައް ބަރުހެލިވެފައިވާ ކަމަށާއި އޭގެ ސަބަބުން އޭނާގެ އަތުން ގިނަގިނައިން އެއްޗެހި ވެއްޓޭ ކަމަށް ބުންޏެވެ. އަދި އޭގެ ސަބަބުން ހީވަނީ "ހަރަކާތްތައް ކޮންޓްރޯލް ކުރާ ސިކުނޑީގެ ބައެއް" މިހާރު މަސައްކަތް ނުކުރާހެން ކަމަށް އޭނާ ބުންޏެވެ.

ކުއެސްޓް ބުނި ގޮތުގައި އެ އަލާމާތްތައް ފެނުން ހުއްޓޭނެ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް، އަލާމާތްތައް ހުއްޓޭނެ އިރެެއް ޑޮކްޓަރުންނަށް ނުބުނެވެ އެވެ. އެހެންކަމުން ވައިރަހުގެ "ނަގޫރޯޅިން" ރައްކާތެރިވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް އޭނާ އެދުނެވެ.

comment ކޮމެންޓް