ނިޔާވި ކެންޑިޑޭޓަކާއި އިތުރު ހަތަރު ކެންޑިޑޭޓުންގެ ނަން އުނިކޮށްފި

2017 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓަކު ނިޔާވުމާ ގުޅިގެންނާއި އިތުރު ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާތީ އެ ނަންތައް ކެންޑިޑޭޓު ލިސްޓުން އުނިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ހަނިމާދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ހުސްނުބާން އަބްދުލްރަހްމާން (ކެންޑިޑޭޓު 14) 1 މެއި 2020 ވަނަ ދުވަހު ނިޔާވެފައިވާތީ އޭނާގެ ނަން މިހާރު ވަނީ އުނިކޮށްފައެވެ.

ހުސްނުބާން ކުރިމަތިލެއްވީ ހަނިމާދޫ ކައުންސިލުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ މެމްބަރުކަމަށެވެ.

މީގެ އިތުރުން އިތުރު ދެ ރަށެއްގެ ކައުންސިލުގެ ރައީސްކަމަށާއި ދެ ރަށެއްގެ ކައުންސިލު މެމްބަރުކަމަށް ކުރިމަތިލެއްވި ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާތީ އެ ހަތަރު ކެންޑިޑޭޓުންގެ ނަންތައްވެސް އުނިކޮށްފައިވާކަމަށް ކޮމިޝަނުން ބުންޏެވެ.

އެ ހަތަރު ކެންޑިޑޭޓުންނަކީ:

  • ށ. މިލަންދޫ ކައުންސިލުގެ ރައީސްކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލެއްވި އިބްރާހިމް ސާއިލް (ކެންޑިޑޭޓު 4)
  • ނ. މަގޫދޫ ކައުންސިލުގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލެއްވި ސައުދު މުހައްމަދު (ކެންޑިޑޭޓު 3)
  • ނ. ފޮއްދޫ ކައުންސިލުގައި އަންހެނުންނަށް ހާއްސަ ދެ ގޮނޑިން އެއް ގޮނޑިއަށް ކުރިމަތިލެއްވި ޕީޕީއެމް ކެންޑިޑޭޓު ހަލީމަތު ފިއުނާ (ކެންޑިޑޭޓު 8)
  • ހދ. ނޭކުރެންދޫ ކައުންސިލުގެ މެމްބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓު އަހްމަދު އާސިފް (ކެންޑިޑޭޓު 23)

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

comment ކޮމެންޓް