މާފުށީ ޖަލާއި އައްސޭރި ޖަލުގައި ގައިދީންގެ ބައްދަލުވުންތައް އަލުން ފަށަނީ

މާފުށީ ޖަލު -- ސަންފައިލް ފޮޓޯ

ކޮވިޑް-19 އާ ގުޅިގެން ޖަލުތަކުގައި ތިބި ގައިދީންގެ ރައްކާތެރިކަމަށް އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލާފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން، މާފުށީ ޖަލާއި އައްސޭރި ޖަލުގައި ބައްދަލުވުންތައް އަލުން ފަށަން ނިންމައިފިއެވެ.

ޖަލުތަކުގައި ތިބި ގައިދީންނާއި ބަންދުމީހުންގެ ރައްކާތެރިކަމަށް އާއިލީ އަދި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވުމާ ގުޅިގެން، އެ ސާވިސް އިން އާންމުންނަށް ދެމުންގެންދާ ބައެއް ހިދުމަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޖުލައި ފަސް ވަނަ ދުވަހުން ފެށިގެން ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ދެމުންގެންދާ ހިދުމަތްތަކާއި މާލެ ޖަލުގެ ކައުންޓަރުން ދެމުންގެންދާ ހިދުމަތްތައް ވަނީ ފަށައިފައެވެ.

ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލާއި އައްސޭރި ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންނަށް އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ދޭނީ ވަކި އުސޫލެއްގެ މަތިން ކަމަށެވެ.

އެގޮތުން އާއިލީ އަދި އެކަހެރި ބައްދަލުވުން ހަމަޖައްސާދޭނީ ކޮވިޑް ނެތް ރަށްރަށުން ދާ މީހުންނަށް އެކަނި ކަމަށް އިއުލާނުގައިވެއެވެ.

ގައިދީންނާ ބަންދު މީހުންގެ ބައްދަލުވުންތަކުގެ އިތުރުންް އާއިލާގެ ފަރާތުން ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުންވެސް މާޗު 12 ވަނަ ދުވަހު ވަގުތީގޮތުން މެދުކަނޑާލިއެވެ.

ނަމަވެސް ކަރެކްޝަންސް އިން ބުނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަލުން އެ އިންތިޒާމުތައް ވެސް ހަމަަޖެހި އެ ހިދުމަތް ދެވޭނެ ކަމަށެވެ.

އެ ހިދުމަތް ފެށުމުގެ ގޮތުން ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ކަމަށާއި އަދި ދޫކުރަން ނިންމާފައި ވަނީ 20 ޓޯކަން ނަންބަރު ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

comment ކޮމެންޓް