އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަަށް އެޗްޕީއޭއިން އޮޕަރޭޝަނެއް ފަށަނީ

މާލޭގެ ރެސްޓޯރަންޓެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން އައު އާންމު ހާލަތަށް ރުޖޫއަވުމަށްޓަކައި ދީފައިވާ ލުއިތަކާ އެކު، އާންމުންނަށް ހިދުމަތްދޭ ތަންތަނުން އަމަލުކުރުމަށް އެކުލަވާލި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުން އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖުލައި 12 ވަނަ ދުވަހުން ފެށިގެން، ގްރޭޓާ މާލޭ ސަރަހައްދުގައެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އާންމު ހިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަަމާއެކު ހިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެގޮތުން އެފަދަ ތަންތަނުން އާންމު ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭން ވާނީ، ކޮވިޑް19 އާ ގުޅިގެން އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އޮޕަރޭޝަން ކުރިއަށް ގެންދާނީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި އާންމު ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ޖިމް ނުވަތަ ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓު ފަދަ ތަންތަނުން އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ބެލުމަށެވެ.

comment ކޮމެންޓް