އަދިވެސް ގުދަނުގައި ކޮންމެވެސް ވަރަކަށް ރޯވޭ، ކުންފުންޏަށް ބޮޑު ގެއްލުމެއް

ތިލަފުށީގައި ހުރި ސެކިޔޯ ބޭގްގެ ގުދަނުގައި ރޯވެ އަނދަނީ ---

ތިލަފުށީގައި ހުރި ސެކިޔޯ ބޭގްގެ ގުދަނުގައި ރޯވެ އަދިވެސް ކޮންމެވެސް ވަރަކަށް ހުޅުގެ އަސަރު ކުރަމުންދާއިރު އަލިފާނުގެ ހާދިސާއާއެކު ބޮޑު ގެއްލުމެއް ވެއްޖެއެވެ.

ސެކިޔޯ ބޭގްގެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓުކޮށްފައިވަނީ 20:24 ހާއިރުގައެވެ. އެއަށްފަހު ރޭގައި ވަރަށް ބޮޑަށް އަލިފާންގަނޑު ކޮންޓްރޯލުކޮށްފައި އޮތްނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް އެތަނުގައި ރޯވަމުންއެބަދެއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ސެކިޔޯ ބޭގްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް ވިދާޅުވީ މިހާރުވެސް ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދިވެސް އަލިފާން ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެތަނަށް ވެފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ. އަދި އަލިފާން ރޯވި ސަބަބުވެސް ނޭނގޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެކަމު ބެލެވޭގޮތުގައި ހީވަނީ އެތަނުގައި ހުރި ޓަޔަރުތަކެއްގައި ރޯވީހެން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެތަން ހުރީ އިންޝުއާކޮށްފައި ނޫން ކަމަށެވެ.

ސެކިޔޯ ބޭގްގެ ގުދަނުގައި އާންމުގޮތެއްގައި ހުންނާނީ ބާ ދަގަނޑާއި ބާ ޓަޔަރު ފަދަ ތަކެތި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މީގެ ދެ ދުވަސްކުރީން އެތަނަށް އާ ޝިޕްމެންޓެއް ގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ދެ ދުވަސް ކުރީން އެތަނަށް 40 ފޫޓުގެ ދެ ކޮންޓެއިނާ އާ ދަގަނޑާއި 20 ފޫޓުގެ ހަތަރު ކޮންޓެއިނާ އާ ދަގަނޑު ހޮޅިތަކެއް ގެންގޮސްފައިވާ ކަމަށެވެ. އެތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ އަދަދެއްވެސް އެނގޭނީ އެތަނަށް ވަނުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސެކިޔޯ ބޭގްގެ ގުދަނެއްގައި ރޯވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން އެންމެ ފުރަތަމަ 2008 ވަނަ އަހަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މާލޭގައި ހުރި ގުދަނެއްގައި ރޯވިއެވެ. އަދި އެއަށްފަހު 2010 ވަނަ އަހަރުގައި ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެފައިވެއެވެ. އެ ދެ ހާދިސާގައި ކުންފުންޏަށް 11 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ.

comment ކޮމެންޓް