ދުންފަތުގެ ޑިޔުޓީ ކުޑަކުރުން: ގެއްލުން ބޮޑު، ސިޔާސީ ނިންމުމެއް!

އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓް ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހުގެ "މުޅި މަޖިލީހުގެ ކޮމިޓީން" ފާސްކޮށް، އިމްޕޯޓު، އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހާމެދު ސިއްހީ ދާއިރާގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވައިފި އެވެ.

މިހާރު ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށް 200 ޕަސެންޓުގެ ޑިއުޓީއެއް ނަގާއިރު، ގާނޫނަށް ގެނައި އިސްލާހާއެކު އައްޑުއާއި ކުޅުދުއްފުށީ ޕޯޓަށް އެތެރެކުރުމުން އޭގެން 50 ޕަސެންޓް ޑިއުޓީ ކަނޑާލާނެ އެވެ.

މީގެ ކުރިންވެސް އަތޮޅުތެރޭގެ ޕޯޓުތަކުން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ކުޑަކުރަން އުޅުނު މައްސަލާގައި ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަން ފެއްޓެވުމުން އޭރު އެ ކަންތައް މަޑުޖެހުނެވެ.

މިހާރު އޮންނަގޮތުން، އަތޮޅުތެރޭގެ ބަނދަރުތަކުން އެތެރެކުރާ މުދަލަށް 30 ޕަސެންޓުގެ ލުއިދިން ނަމަވެސް، ދުންފަތާއި އެނާޖީ ޑްރިންކްސް ފަދަ ބައެއް ބާވަތްތަކަށް މި ލުޔެއް ނުލިބެ އެވެ.

އަތޮޅު ތެރޭ ދެ ޕޯޓް އައްޑޫ އާއި ކުޅުދުއްފުށީ ޕޯޓަށް އެތެރެ ކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިޔުޓީގެ 50 ޕަސެންޓް މާފުކުރަން ޖިލީހުން ފާސްކޮށްފައިވާތީ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލު ބޯޑުގައި ހިމެނިވަޑައިގަންނަވާ އަހުމަދު އަފްއާލް ވިދާޅުވީ މި އިސްލާހަކީ މުޅި ގައުމުގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް ބީރުކަންފަތެއްދީ، ކަނުލޮލަކުން ބެލުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ކުރިންވެސް އަޅުގަނޑުމެން ވަރަށް މަސައްކަތްކޮށްގެން ރަނގަޅުކުރީ،" މީގެ ކުރިންވެސް ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރުމަށް މަސައްކަތް ކުރިކަން ފާހަގަކުރައްވާ އަފްއާލް ވިދާޅުވި އެވެ.

"މިއީ ވިސްނާނުލާ ކުރާ ކަމެއް. މިއީ މިކަން ވާންޖެހޭނެ ގޮތެއް ނޫން،" ކަންބޮޑުވުން އިންތިހާއަށް ހުރިކަން ފާހަގަ ކުރައްވާ އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ ބައެއް މުދަލުގެ ޑިޔުޓީ ކުޑަކުރެވިދާނެ ކަމަށާއި ނަމަވެސް ސިނގިރޭޓައި ދުންފަތް ފަދަ ސިއްހަތަށް ގެއްލުންދޭ ބާވަތްތަކުން ނަގާ ޑިޔުޓީ ކުޑަކުރެވިގެން ނުވާނެ ކަމަށެވެ.

"މިއީ އެނގިތިބެ ރައްޔިތުންގެ ސިއްހަތަށް ގެއްލުންދިނުން،" އޭނާ ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލު ކުރާ ބޯޑުގެ ވައިސް ޗެއާ، ޑރ. އާއިޝަތު އަރޫނާ ވިދާޅުވީ ދުންފަތާއި ފިޒީ ޑްރިންކްސް ފަދަ ސިއްހަތަށް ގެއްލުންދޭ ތަކެތިން ޓެކްސް ބޮޑުކުރުމަކީ ހުރިހާ ގައުމެއްގައިވެސް އަމަލު ކުރާ އުސޫލު ކަމަށެވެ. ނަމަވެސް މިފަދަ ތަކެތި އެތެރެކުރުމަށް ނަގާ ޑިއުޓީ އިން ޑިސްކައުންޓެއް ދިނުމަކީ އެތަކެތީގެ އަގު ހެޔޮވެ، އާންމުންގެ ސިއްހަތަށް ނުރައްކާވާނެ ކަމެއްކަމަށް ވިދާޅުވި އެވެ.

"ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ޓެކްސް/ޑިއުޓީ ބޮޑުކުރީމާ އެތަކެތި ވިއްކާ އަގުވެސް ބޮޑުވޭ. އޭގެ ސަބަބުން އެތަކެތި ބޭނުންކުރާ މިންވަރުވެސް މަދުކުރެވޭ،" ޑރ. ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ދެ ޕޯޓަކުން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއިން 50 ޕަސެންޓް މައާފު ކުރުމުން ދުންފަން އެތެރެކުރާ ހުރިހާ ވިޔަފާރިއަކުންވެސް ދުންފަތް އެތެރެކުރާނީ އެފަދަ ތަންތަން މެދުވެރިކޮށް ކަމަށާއި، މީގެ ސަބަބުން ދުންފަތުގެ އަގުހެޔޮވެ، އެތަކެތި ބޭނުންކުރާ މީހުންނަށް ގަންނަން ފަސޭހަވުމުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ބޮޑުވާނެ ކަމަށެވެ.

ޑރ. ވިދާޅުވީ މީގެެ ކުރިންވެސް ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށް ސިނގިރޭޓު އަގުބޮޑުކުރުމުން ގިނަ ބަޔަކު ދުންފަތާ ދުރަށް ދިޔަ ކަމަށެވެ.

ދުންފަތް ކޮންޓްރޯލު ކުރުމުގެ މަސައްކަތުގައި މަސައްކަތް ކުރައްވާ އެހެން އޮފިޝަލަކު ވިދާޅުވީ ފައިދާއެއް ނެތް ތަކެތިން ޑިޔުޓީ ބޮޑުކުރަންޖެހެނީ އެތަކެއްޗާ ދުރުކުރުމަށް ކަމަށެވެ.

"2010 ގައިވެސް މިގޮތަށް މިކަން ކުރި، ދެން އޭރުވެސް ވަރަށް ސުވާލު އުފެއްދި ކީއްވެތޯ އެހެންވީ، އޭރު އެ ޕޯޓުތަކުން އިތުރު ކުރީ ދުންފަތް އެކަނިކަން ކަސްޓަމަސްގެ ތަފާސް ހިސާބުތަކުންވެސް އެނގޭނެ. އެތެރެ ކުރާ ބޯޓުން ބާލާފައި، ބަނދަރުން ދޯންޏަށް އަރުވައިގެން މާލެ ގެންނަނީ. މާލޭގައި ޓްރާންސްޕޮޓޭޝަން ނެޓްވޯކް އޮތީ، ޑިސްޓްރިބިޔުޝަން ހިނގާނީ މާލޭގައި،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި މި އިސްލާހު ގެނެސްފައިވަނީ ކަމާ ގުޅުންހުރި ފަންނީ އެއްވެސް އިދާރާއަކާ މަޝްވަރާ ނުކޮށް ކަމަށެވެ.

އެގޮތުން ދުންފަތާ ގުޅުންހުރި ކަންކަމުގައި ލަފާދިނުމަށް އޮންނަ ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ބޯޑުގެ ލަފާވެސް އެކަމުގައި ހޯދާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ލަފާ ނުހޯދާ ގާނޫނުގެ ރޫހާވެސް ހިލާފުވޭތޯ ނުބަލާ ގެނައި އިސްލާހެއް އެއީ،" އޭނާ ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލު ކުރުމުގެ މަސައްކަތުގައި އުޅުއްވާ އޮފިޝަލު ވިދާޅުވީ ސިއްހަތަށް ގެއްލުން ލިބޭ އެއްޗެހިން ޓެކްސް ނަގަނީ އާންމު ސިއްހަތު ރައްކާކުރަން ކަމަށާއި ޑިޔުޓީ އިން ޑިސްކައުންޓް ދޭން ނިންމުމުން އެކަމުގެ މަގުސަދާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.

ދުންފަތަކީ ގައިންގަޔަށް ނާރާ ބޮޑެތި ގިނަ ބަލިތަކުގެ އަސްލު ކަމަށާއި، ދުންފަތް އެތެރެކުރުމަށް ދިން ލުޔަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދީ މަސައްކަތް އިތުރުކުރުމަށް ޑިސްކައުންޓް ދިނުން މައްސަލއެއް ނެތް. ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ޓެކްސް އަދި ޑިޔުޓީ އިތުރު ކުރަން ޖެހޭ. އެފަދަ ތަކެތިން ޑިޔުޓީ ލުއި ކުރުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއްނޫން. އެއްވެސް ސަރުކާރަކުން ހިތްވަރުވެސް ދޭ ކަމެއް ނޫން،"

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 24 ޕަސެންޓަކީ، ދުންފަތާ ގުޅުންހުރި މަރުތައް ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ރާއްޖޭގެ ފިރިހެނުންގެ އާބާދީގެ 42 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އަދި އަންހެނުންގެ އާބާދީގައި ދުންފަތުގެ އިސްތިއުމާލު ކުރަނީ ތިން ޕަސެންޓު މީހުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖުކޮށް ކޮންމެ އަހަރަކު ރާއްޖެއަށް 461 މިލިއަން ސިނގިރޭޓު އެތެރެކުރެއެވެ. އަދި އަހަރަކު އެތެރެކުރާ ސިނގިރޭޓުގެ އަގު 1.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.

comment ކޮމެންޓް