ކުނި މެނޭޖުކުރުމުގެ 98 މިލިއަން ރުފިޔާގެ މަޝްރޫއެއް

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް: އެ މަޝްރޫއުގެ ދަށުން މާލެއާއި މެދު ރާއްޖޭގެ ސަރަހައްދުގައި ހުރި ރަށް ރަށުން ތިލަފުއްޓަށް ކުނި ގެންދެވޭނެ ނިޒާމެއް ގާއިމުކުރާނެ --- ފައިލް ފޮޓޯ

މާލެ އާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަދި ވ. އަތޮޅު ހިމެނޭގޮތަށް އެ ސަރަހައްދަށް ހާއްސަ ސަރަހައްދީ ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް 98 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފި އެވެ.

"ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި އެންވަޔަރަންމެންޓް މިނިސްޓްރީއިން ފެށި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފައިވަނީ އެ މަޝްރޫއު ކުރިއަށްދާއިރު އެ މަޝްރޫއާ ގުޅޭގޮތުން ހޭލުންތެރިކުރުން މުހިއްމު ކަމަށެވެ. އެހެންކަމުން ކުންޏާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ބޭރުގެ ޖަމިއްޔާއަކާ ގުޅިގެން ޖޮއިންޓް ވެންޗާއެއް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައި ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ލިވް އެންޑް ލާން އެންވަޔަރަންމެންޓް އިންކް އޮސްޓްރޭލިއާ އާއެކުގައެވެ.

އެ އެއްބަސްވުމަކީ 13 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އާންމުން ހޭލުންތެރިކުރުމަށް ޕްރޮގްރާމް ޑިޒައިންކުރުމާއި އަމަލީގޮތުން އެ މަސައްކަތް ތިން އަހަރަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އޭގެއިތުރުން ތިލަފުށީގައި ކުނިއަންދަމުންދާ ސަރަހައްދުން ހުއްޓުމެއްނެތި އަރަމުންދާ ދުން ހުއްޓުވުމާއި އެތަން ރަނގަޅުގޮތުގައި މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ސަރުކާރުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. އެގޮތުން ކުނި މެނޭޖުކުރުމަށްޓަކައި ބޭނުންވާ ހެވީ ވެހިކަލް ގަތުމަށް ދެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އެ ދެ އެއްބަސްވުމުގެ ޖުމްލަ އަދަދަކީ 72.8 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ މާލެއާއި ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކެއް ގާއިމުކޮށް ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަދި ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުން ކުނި ބޭރުކޮށް ތިލަފުއްޓަށް ގެންދެވޭނެ ނިޒާމެއް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށެވެ.

ވިލިމާލޭގައި ގާއިމުކުރާ ޓްރާންސްފާ ސްޓޭޝަން ހަދާނެ ފަރާތެއް ހޯދުމަށް ބައިނަލްއަގުވާމީ ބީލަމަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގެ ސިސްޓަމް ޑިޒައިން ކުރުމާއި ގާއިމުކުރުމާއި ސުޕަވައިޒްކުރުމުގެ މަރުހަލާއަށް ވަނީ ފާމް އެއް ހަމަޖައްސާފައެވެ. އެ މަސައްކަތުގެ ޖުމްލަ އަގަކީ 12.1 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް